ކައިވެނީގެ ފޮޓޯ ޝޫޓަކަށް ދާއިރު ކުދިކުދި ކަންކަން ދިމާވުމަކީ އާންމު ކަމެކެވެ. ނަމަވެސް، އަމިއްލަ ޑެކޯރޭޝަން ސާމާނެއްގެ ސަބަބުން ވައިގެ ތެރެއަށް އުދުހިގެންދާ ހިސާބަށް ދިއުމަކީ ވަރަށް ނާދިރު ކަމެކެވެ. ތުރުކީގެ އިސްތަންބޫލްގައި ފޮޓޯޝޫޓެއް ކުރިއަށްދިޔަ ވަގުތު ޒުވާން އަންހެނަކަށް ދިމާވީ މިފަދަ ހައިރާންކުރަނިވި އަދި ނުރައްކާތެރި ހާދިސާއެކެވެ.
ބޮސްފަރަސް ކޯރުގެ އައްސަފޭގައި ކައިވެނީގެ ހެދުމާއެކު ފޮޓޯ ނަގަން އުޅުނުއިރު، އަންހެންމީހާ ހުރީ ރީތި މަންޒަރެއް ގެނެސްދިނުމުގެ ގޮތުން މަޑު ކުލައެއްގެ ބޮޑެތި ހީލިއަމް ފުއްޕާހަންތަކެއް ހިފައިގެންނެވެ. ނަމަވެސް، ވައިގަދަ ދުވަހެއްގައި ފެންގަނޑާ ކައިރީގައި މިފަދަ ބޮޑު ފުއްޕާހަންތަކެއް ހިފައިގެން ހުރުމަކީ ބިޔަ ރިޔަލެއް ނަގައިގެން ހުރުންފަދަ ކަމެކެވެ. ކުއްލިއަކަށް ޖެހުނު ބާރު ވައިރޯޅިއަކާއެކު ފުއްޕާހަންތައް ކޮންޓްރޯލުން ނެއްޓި، އެ އަންހެންމީހާ ގެންދިޔައީ ކައިރީގައި ހުރި ފެންގަނޑަކާ ދިމާލަށް ދަމައިގަންނަމުންނެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، ވައިގެ ބާރު ގަދަވެ ފައި ކަހައިގެން ގޮސް އަންހެންމީހާ ވެއްޓެން އުޅޭ މަންޒަރު ފެނެއެވެ. އަދި ބަލާބެލުމަށް ހީވަނީ އޭނާ ވައިގެ ތެރެއަށް އުދުހިގެންދާން އުޅޭހެންނެވެ. ނަމަވެސް ފޮޓޯގްރާފަރު ވަގުތުން ދުވެފައި ގޮސް، އޭނާގެ އަތުގައި ހިފަހައްޓައި ގާތުގައި ހުރި ގާތަކުގައި ޖެހި އަނިޔާއެއް ވިޔަ ނުދީ ސަލާމަތްކުރިއެވެ.
މި ނުރައްކާތެރި ހާދިސާގައި އަންހެންމީހާއަށް ކޮންމެވެސް ވަރަކަށް ހާސްވުން ފިޔަވައި އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އޭގެފަހުން އޭނާ ހަމައަކަށް އެޅި، ފޮޓޯޝޫޓްގެ ބާކީބައި ވެސް ނިންމާލިއެވެ.
މި ވީޑިއޯ އިންޓަނެޓުގައި ދައުރުވާން ފެށުމާއެކު ގިނަ ބަޔަކު ވަނީ މިއީ ޕިކްސާގެ މަޝްހޫރު އެނިމޭޓެޑް ފިލްމު "އަޕް" ގެ އަސްލު ދިރިއުޅުމުގެ މަންޒަރެއްގެ ގޮތުގައި ސިފަކޮށްފައެވެ. ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި އޭނާ ވަނީ ލޯބިވެރިންނަށް ކިޔައިއުޅޭ "ލޯބިން ފައިބިމުން ކައްސާލައިގެން ދިއުން" މި ބަހުގެ މާނަ މާ ބޮޑަށްވެސް ހަގީގަތަކަށް ހަދާފައެވެ.
