ފުރަތަމަ ފަހަރަށް ސަސްޓެއިނަބަލް ޓައުންޝިޕެއް ތަރައްގީ ކުރަން ނިންމާ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއީ ޓޫރިޒަމްގެ ވަސީލަތްތަކާއި އިގްތިސާދީ މަސައްކަތްތައް ވެސް ކުރާ ގޮތަށް ހަދަން ނިންމާފައިވާ ތަނަކަށްވާއިރު، މިތަން ހެދުމަށް ނިންމާފައިވަނީ ނ. އަތޮޅުގައެވެ. އަދި މިތަން ހެދުމަށް ބިން ހިއްކުމުގެ މަސައްކަތްވެސް މިހާރު ނިމިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ތަރައްގީކުރާ ޓައުންޝިޕްގައި ޓޫރިސްޓުންނަށް ހިދުމަތްދޭ ލަގްޒަރީ ހޮސްޕިޓާލިޓީ ކޮމްޕޯނެންޓުތަކުގެ އިތުރުން އިގުތިސާދީ އިޖުތިމާއީ އެހެން ސެކްޓާތަކުގެ ވަސީލަތްތައް ވެސް ގާއިމުކުރާނެ ކަމަށެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ބާސެލޯ ނަސަންދުރައިގައި ބާއްވާފައިވާއިރު، އިކޮނޮމިކް މިނިސްޓްރީން ބުނީ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތާއި ޓޫރިޒަމަށް މީހުން ތަމްރީނުކުރާ މަރުކަޒަކާއި ޒަމާނީ ފެންވަރަށް ދަނޑުވެރިކަމުގެ މަސައްކަތްކުރާ ނިޒާމެއް އެތަނުގައި ގާއިމުކުރާނެ ކަމަށެވެ.

މީގެއިތުރުން މިއީ 790 މިލިއަން ޑޮލަރުގެ ބޮޑު ޕްރޮޖެކްޓެއް ކަމަށާއި، މި ޓައުންޝިޕް 2028 ގެ ކުރިން އޮޕަރޭޝަނަށް ގެނައުމަކީ އަމާޒުކަމުގައި މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފައެވެ.

މި ޓައުންޝިޕް ތަރައްގީ ކުރާއިރު، އިކޮނޮމިކް މިނިސްޓްރީން ބުނީ ދަނޑުވެރިކަމުގެ މަސައްކަތުގައި ކާބޯތަކެތީގެ ތެރެއިން ރާއްޖެއަށް މިހާރު އިމްޕޯޓްކުރާ ކޮންމެވެސް ދެ ބާވަތަކަށް އިސްކަންދޭނެ ކަމަށާއި، އެކަމުގެ ތަފްސީލުތައް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.

އަދި ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތާއި ޓޫރިޒަމަށް މީހުން ތަމްރީނުކުރާ މަރުކަޒަކާއި ޒަމާނީ ފެންވަރަށް ދަނޑުވެރިކަމާއި އެކުއާކަލްޗާގެ މަސައްކަތްކުރާ ނިޒާމުތައް ހިމެނޭނެ އެވެ. އަދި ދަނޑުވެރިކަމާއި އެކުއާކަލްޗާގެ މަސައްކަތް އެ ތަނުގައި ކުރާނީ ރާއްޖޭގެ ފުޑް ސެކިއުރިޓީއަށް އަމާޒު ކޮށްގެން ކަމަށްވެސް ވަނީ ބުނެފައެވެ.