މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) ގެ މެންބަރުންގެ ތެރެއިން އުމުރުން 65 އަހަރު ފުރިފައިވާ ފަރާތްތަކަށްވެސް، ޕެންޝަން ފައިސާ ބޭނުންކޮށްގެން ހައްޖުގެ އަޅުކަން އަދާކުރުމަށް ޖާގަ ކަށަވަރުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނަށް ގެނެވުނު 6 ވަނަ އިސްލާހުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް، އެއަށް އަމަލުކުރަން ފެށުމާ ގުޅިގެންނެވެ.
މި އިސްލާހު ގެނައުމުގެ ކުރިން، އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށާއި، ހައްޖު ޖާގަ ކަށަވަރުވާއިރު އުމުރުން 65 އަހަރު ފުރިފައިވާ ފަރާތްތަކަށް ހައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރުމަށް ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކުރުމުގެ ގާނޫނީ ފުރުސަތެއް ނޯވެއެވެ. ނަމަވެސް، ގެޒެޓުކުރެވުނު އާ އިސްލާހާއެކު، ޝަރުތުހަމަވާ ކޮންމެ އުމުރެއްގެ މީހަކަށްވެސް ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ބޭނުންކޮށްގެން ހައްޖުގެ އަޅުކަން އަދާކުރެވޭނެ މަގު މިހާރު ވަނީ ފަހިވެފައެވެ. މިއާއެކު، މީގެކުރިން 65 އަހަރު ވުމުގެ ސަބަބުން ޖާގަ ރިޒާވް ނުކުރެވި ތިބި ފަރާތްތަކަށާއި، ޖާގަ ކަށަވަރުވާއިރު އުމުރުން 65 އަހަރު މަތިވާ ފަރާތްތަކަށް ވެސް މި ލުއިފަސޭހަކަން ލިބިގެންދާނެއެވެ.
ޕެންޝަން އޮފީހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ސްކީމުގެ ދަށުން ހައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރުމަށް ޝަރުތުހަމަވާނީ މީގެ ކުރިން ހައްޖު އަދާކޮށްފައިނުވާ ފަރާތްތަކަށެވެ. އަދި އެ ފަރާތެއްގެ ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓް (އާރްއެސްއޭ) ގައި މަދުވެގެން 336،000 ރުފިޔާ ހުންނަންޖެހެއެވެ. މީގެއިތުރުން، ބޯހިޔާވަހިކަމުގެ ބޭނުމަށް ޕެންޝަން ފައިސާ ރަހުނުކޮށްފައިވާ މެންބަރެއްނަމަ، ޝަރުތުހަމަވާނީ އެ އަދަދު އުނިކުރުމަށްފަހުވެސް އެކައުންޓުގައި 336،000 ރުފިޔާ ހުންނަ ނަމައެވެ.
މި އުސޫލުގެ ދަށުން ހައްޖަށް ދާން އެދޭ މެންބަރުން، ހައްޖު ދަތުރުގެ އަގުގެ 20 ޕަސެންޓް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ދެއްކުމުން، ކަނޑައެޅިފައިވާ ތަރުތީބުން ޖާގަ ރިޒާވްކޮށްދެވޭނެ ކަމަށް ގަވާއިދުގައިވެއެވެ. އަދި ހައްޖު ދަތުރުގެ އަގުގެ ބާކީ 80 ޕަސެންޓްއަށްވާ ފައިސާ ވަގުތުން ޕެންޝަން އެކައުންޓުން އުންޏެއް ނުވާނެއެވެ. މި ފައިސާ ހައްޖު ކޯޕަރޭޝަނާ ހަވާލުކުރުމާ ހަމައަށް، ދާނީ ޕެންޝަން ފަންޑުގައި އިންވެސްޓްކުރެވެމުންނެވެ.
މީގެއިތުރުން، މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) އިން މިހާރުވެސް ޕެންޝަން ލިބެމުންދާ މެންބަރުންނަށް ނުވަތަ އަލަށް ރިޓަޔާކުރާ މެންބަރުންނަށް ދެވޭ ޕެންޝަން ފައިސާ ހިސާބުކުރާއިރު، ހައްޖަށް ރިޒާވްކުރާ ފައިސާގެ އަދަދެއް ނުހިމެނޭނެއެވެ. އެހެންކަމުން ހައްޖު ބެނެފިޓުގެ ދަށުން ފައިސާ ބޭނުންކުރުމުން މަހުން މަހަށް ލިބޭ ޕެންޝަންގެ އަދަދަށް ބަދަލު އާން އެކަށީގެންވެއެވެ.
ނަމަވެސް، އެއްވެސް ސަބަބަކާހުރެ ހައްޖު ރިޒަވޭޝަން ކެންސަލްވެ ނުވަތަ އެ ފައިސާ އަނބުރާ ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާވެއްޖެނަމަ، އެ ފައިސާ ހިމަނައިގެން ޕެންޝަން ފައިސާ އަލުން ހިސާބުކުރެވިގެންދާނެ ކަމަށް ޕެންޝަން އޮފީހުން އާންމުކޮށްފައިވާ އާ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
