އެހެން ގައުމުތަކަށް ދީފައި ހުންނަ ކޯޓާގެ ތެރެއިން އެގައުމުތަކުން ބޭނުން ނުކޮށް ހުންނަ ކޯޓާ، ކޯޓާ އިތުރަށް ބޭނުންވާ ގައުމުތަކުން ބޭނުން ކުރެވޭ ގޮތައް ސައުދީއިން ކުރިއަށް ގެންދާ (ހައްޖު މުބާޝިރު) އިނިޝިއޭޓިވް އިން ރާއްޖެއަށް ފުރުސަތު ހޯދައި ދިނުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.

މިއަދު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި ސައުދީ އަރަބިއްޔާގެ މިނިސްޓަރީ އޮފް ހައްޖު އެންޑް އުމްރާ ޑރ.ތައުފީގު ރަބީއާއެކު ބޭއްވި ބައްދަލުވުމާއި ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ ގައުމުތަކަށް ކަނޑައަޅާފައި އޮންނަ ރަސްމީ ކޯޓާގެ އިތުރަށް، އިތުރު ކޯޓާ މިހާރު ނުދެއްވި ނަމަވެެސް، ގައުމުތަކުން ބޭނުން ނުކޮށް ހުންނަ ކޯޓާ ހޯދުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ވަނީ، ހައްޖާއި އުމްރާގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ދެ ހަރަމްފުޅަށް ހިދުމަތްކުރުމުގައި ސަޢުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުން އަންނަ ހައްޖުވެރިންނަށް ކަންކަން ފަސޭހަކޮށްދެއްވުމަށް ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އެކަމަށްވެސް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ހައްޖުވެރިންނަށް ދިމާވާ ދަތިތައް ހައްލު ކުރެއްވުމަށް ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން އަބަދުވެސް ދެއްވާ އެހީތެރިކަން ފާހަގަކުރައްވަމުން މިނިސްޓަރު ވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނާ، ދިވެހި ހައްޖުވެރިންގެ ދަތުރަށް ބޮޑު ލުއިފަސޭހަކަމެއް ހޯދައިދިންކަމަށްޓަކައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސައުދީ ރަސްގެފާނާއި، ވަލީއަހްދު އަދި ސައުދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، ސައުދީ އަރަބިއްޔާއާއެކު އޮންނަ އަހުވަންތަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާ ކަމެއްކަމަށާއި، މި ގުޅުން އަބަދުވެސް ވަރުގަދަ ކަމާއެކު ދެމިއޮންނާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ސައުދީ އަރަބިއްޔާއިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ހައްޖު މައުރަޒަކީ ހައްޖުގެ މެނޭޖްމަންޓަށް ޒަމާނީ ވިސްނުން ގެނުވައިދިން ހަރަކާތެއްކަމަށެވެ. އަދި މިދިޔަ އަހަރުން ފެށިގެން ރާއްޖޭގައި ވެސް ހައްޖާއި އުމްރާއަށް ހާއްސަ ކޮންފަރެންސެއް ބާއްވަން ފަށާފައިވާ ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖެއިން ހައްޖުގެ ކަންކަމުގައި ބަހައްޓާ މުހިންމުކަން ފާހަގަކުރެއްވިއެވެ.