ދިވެހިރާއްޖޭގައި މިހާތަނަށް ބިނާކުރެވޭ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ޖާމިއުއްސުލްތާން މުހައްމަދު ބުން އަބްދުﷲ" މިސްކިތުގެގެ ބިންގާ މިއަދު އަޅައިފިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މި މިސްކިތުގެ ބިންގާ އަޅާފައިވަނީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ އުފާވެރި ތާރީހީ މުނާސަބަތާ ގުޅުވައިގެންނެވެ.

މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް-ގަހްތާނީގެ އިތުރުން މި މަޝްރޫއު ފައިނޭންސްކޮށް، އިމާރާތްކުރުމަށް ހަވާލުކޮށްފައިވާ ސައުދީގެ މަޝްހޫރު އަލްރާޖިހީ ކުންފުނީގެ ސީއީއޯ ބަންދަރު އަބްދުﷲ އަލްރާޖިހީ ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫއަށް ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓަރު ޝަހީމް އަދި އަލްރާޖިހީ ކުންފުނީގެ ސީއީއޯ ސޮއިކުރެއްވީ އިއްޔެގެ ވަގުތެއްގައެވެ.

ޖާމިއުއްސުލްތާން މުހައްމަދު ބުން އަބްދުﷲ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ދަ ޕްރެސް

"ސުލްތާން މުހައްމަދު ބިން އަބްދުﷲ ގްރޭންޑް މޮސްކް އެންޑް އިސްލާމިކް ސިވިލައިޒޭޝަން ސެންޓާ" ގެ ގޮތުގައި ތަރައްގީކުރާ މި ބިނާއަކީ އެއްފަހަރާ ގާތްގަނޑަކަށް 10,000 މީހުންނަށް ނަމާދުކުރެވޭނެ ތަނަވަސް ޖާގައަކާއެކު ފަރުމާކުރެވިފައިވާ ބިނާއެކެވެ. މިއީ އިސްލާމީ ތައުލީމާއި ސަގާފަތް އާލާކޮށް، އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތަކެއް ހިމެނޭހެން ގާއިމުކުރާ މަރުކަޒެކެވެ.

އެގޮތުން އިމާމުންނާއި އިދާރީ މަސައްކަތްތަކަށް ހާއްސަ އޮފީސްތަކުގެ އިތުރުން، އިސްލާމީ ކުތުބުހާނާއަކާއި، ކަލްޗަރަލް ސެންޓަރެއް އަދި ކީރިތި ގުރުއާނާ ގުޅޭ ތާރީހީ މައުލޫމާތުތައް ދައްކުވައިދޭ ގުރުއާން ދާރުލްއާސާރެއް (މިއުޒިއަމް) މި ބިނާގައި ހިމެނޭނެއެވެ. މީގެއިތުރުން އިސްލާމީ އަދި ތާރީހީ މައުރަޒުތައް ބޭއްވުމަށް ހާއްސަ އެގްޒިބިޝަން ހޯލަކާއި، މަލްޓިޕާޕަސް ކޮމިއުނިޓީ ހޯލެއްގެ އިތުރުން ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ ވިޒިޓާ އޭރިއާއަކާއި، އިސްލާމީ ފޮތް ފިހާރައެއް އަދި ގިފްޓް ޝޮޕެއްވެސް މި މަރުކަޒުގައި ހުންނާނެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ބިނާއަކީ ރާއްޖޭގެ އިސްލާމީ ހަޟާރަތުގެ މުއްސަނދި ތާރީހާއި ފަރުމާވެރިކަން ރަމްޒުކޮށްދޭނެ، އީމާންކަމާއި އިލްމާއި ވަހުދަތު އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދޭނެ އަގުހުރި ތަރިކައަކަށް ވެގެންދާނެ ކަމަށެވެ. އަދި ވަޒީރު ޑރ. ޝަހީމް ވަނީ މި މިސްކިތް ވެގެންދާނީ ރާއްޖޭގެ އިސްލާމީ ތާރީހުގައި ފާހަގަކޮށްލެވޭ މުހިންމު ބިނާއަކަށް ކަމަށް ވިދާޅުވެފައެވެ. ސަރުކާރުން ދެކޭގޮތުގައި މިއީ ހުޅުމާލޭގެ ރައްޔިތުންނަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިސްލާމީ ތަރުބިއްޔަތާއި ސަގާފަތް ފޯރުކޮށްދިނުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާނެ މަރުކަޒެކެވެ.