ފޭސްބުކްގައި ކުރި ކޮމެންޓަކާ ގުޅިގެން އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި ކަމުގެ ކުށް ސާބިތުވެ، ސައުދީ އަރަބިއްޔާގައި މަސައްކަތްކުރާ ސްރީލަންކާގެ 24 އަހަރުގެ ފިރިހެނަކަށް އެ ގައުމުގެ ކޯޓަކުން މަރުގެ އަދަބު އިއްވައިފިއެވެ.
މަރުގެ އަދަބު އިއްވާފައިވަނީ ސައުދީ އަރަބިއްޔާގައި މަސައްކަތްކުރާ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ އަނޯޖަން ސިވަރާސާގެ މައްޗަށެވެ. ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭނާ ހައްޔަރުކުރީ ސްރީލަންކާގައި ހިނގި ހާދިސާއަކާ ގުޅިގެން މީސްމީޑިއާގައި ހިނގި ދެބަސްވުމެއްގެ ތެރެއިން ކުރި ކޮމެންޓަކާ ގުޅިގެންނެވެ. ޖޫން މަހުގެ ފަހުކޮޅު ސްރީލަންކާގައި ހިންދޫންގެ ބަޔަކު ދިޔަ މަގުމަތީގައި މުސްލިމް ޒުވާނަކު ކުއްތާއެއްގެ ގައިގައި ކޮޅުފައިން ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެން މީސްމީޑިއާގައި ދީނީ ގޮތުން ބޮޑެތި ބަހުސްތަކެއް ފެށުނެވެ. މި ބަހުސްގެ ތެރޭގައި މީހަކު ހިންދޫންގެ ކަލާނގެއަކަށް ފުރައްސާރަކޮށް ކޮމެންޓުކުރުމުން، އޭގެ ރައްދުގައި އަނޯޖަން ވަނީ ތަމަޅަ ބަހުން ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ޕޯސްޓެއް ކޮށްފައެވެ.
އަނޯޖަން އެ ކޮމެންޓު ފޮހެލައި މާފަށް އެދި ވީޑިއޯއެއް އާންމުކުރި ނަމަވެސް، އޭގެ ސްކްރީންޝޮޓްތައް ނަގައި އޭނާ މަސައްކަތްކުރާ ކުންފުންޏަށާއި ސައުދީގެ ކަމާބެހޭ ފަރާތްތަކަށް ސްރީލަންކާގެ ބަޔަކު ފޮނުވި ކަމަށް އޭނާގެ ބޭބެ ހަމްސިދަން ސިވަރާސާ ބުނެފައިވެއެވެ. މި މައްސަލައިގައި ޖުލައި މަހު އޭނާ ހައްޔަރުކޮށް، ފޯނާއި އެހެނިހެން ތަކެތި އަތުލުމަށްފަހު މީސްމީޑިއާ އެކައުންޓުތައް ވަނީ ފޮހެލާފައެވެ.
އަނޯޖަންގެ ބޭބެ ބުނި ގޮތުގައި، ސައުދީ އަރަބިއްޔާގެ މީހުންނަށް މިކަމާ ބެހޭ އެއްވެސް މައުލޫމާތެއް ނޭނގެއެވެ. އަދި އޭނާގެ ކޮއްކޮ މަސައްކަތްކުރި ކުންފުންޏަށް އީމެއިލް ފޮނުވީ ސްރީލަންކާގެ ބަޔަކު ކަމަށާއި، އެއީ ކޮން ބައެއް ކަން ބުނަން ވެސް ބޭނުންނުވާ ކަމަށް އޭނާ ބުނެފައިވެއެވެ. އަނޯޖަން މަސައްކަތްކުރި ކުންފުނިން ސައުދީގެ ކަމާބެހޭ ފަރާތްތަކަށް އެންގުމުން، އޭނާގެ މައްޗަށް މައްސަލަ ރަޖިސްޓްރީކުރީ ކަމަށް ހަމްސިދަން ބުނެފައިވެއެވެ.
ސައުދީގެ އަލް-އަހްސާ ކްރިމިނަލް ކޯޓުން ފުރަތަމަ އޭނާގެ މައްޗަށް އިއްވީ ފަސް އަހަރުގެ ޖަލު ހުކުމަކާއި ތިން މިލިއަން ސައުދީ ރިޔާލް (ގާތްގަނޑަކަށް 0.8 މިލިއަން ޑޮލަރު ނުވަތަ 0.6 މިލިއަން ޕައުންޑް) ގެ ޖޫރިމަނާއެކެވެ. ސްރީލަންކާގެ ފޮރިން މިނިސްޓަރު ވިޖިތަ ހެރަތު ވިދާޅުވި ގޮތުގައި، އަދަބު ލުއިކޮށްދިނުމަށް އެދި އަނޯޖަންގެ ފަރާތުން ހުށަހެޅި އިސްތިއުނާފު ކޯޓުން ވަނީ ބަލައިނުގަނެފައެވެ.
ނަމަވެސް ސެޕްޓެންބަރު 17 ވަނަ ދުވަހު މި މައްސަލަ ވަނީ ބަދަލުވެފައެވެ. ސައުދީގެ ޕްރޮސެކިއުޓަރުން ވަނީ ސައިބަކްރައިމް ގާނޫނުގެ ބަދަލުގައި ޝަރީއަތުގެ ހަމަތަކުގެ މަތިން އޭނާގެ މައްޗަށް ދައުވާކުރުމަށް އެދި އިސްތިއުނާފުކޮށްފައެވެ. އިސްތިއުނާފީ ކޯޓުން ޕްރޮސެކިއުޓަރުންގެ ހުށަހެޅުން ބަލައިގަނެ، އޭނާގެ އަދަބު ވަނީ މަރުގެ ހުކުމަށް ބަދަލުކޮށްފައެވެ.
މި މައްސަލައިގައި އަނޯޖަންއަށް އެހީތެރިވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށް ސްރީލަންކާގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. އޭނާގެ އާއިލާއިން ސެޕްޓެންބަރު 21 ވަނަ ދުވަހު ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ދިސާނަޔަކައާ ބައްދަލުކުރުމުން، އޭނާއަށް އާންމު މާފެއް ހޯދައިދިނުމަށް ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. އަދި ސައުދީގެ ކަމާބެހޭ ފަރާތްތަކާ އެކު ޑިޕްލޮމެޓިކް މަސައްކަތްތައް ކުރުމަށް ރައީސް ވަނީ އަންގަވާފައެވެ. ޑިޕްލޮމެޓިކް މަސައްކަތްތައް ކުރިއަށްދާތީ، މިކަމާ ގުޅޭ ގޮތުން އިތުރު ބަޔާންތައް ނުދިނުމަށް ސްރީލަންކާ ސަރުކާރުން ވަނީ އާއިލާއަށް އަންގާފައެވެ.
މި މައްސަލައާ ގުޅިގެން ސްރީލަންކާގެ ބުދިސްޓް އަދި ހިންދޫ ދީނީ އިސްވެރިން ގުޅިގެން ވަނީ ދައުލަތުން މިކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެދި ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހަޅާފައެވެ. މީގެ އިތުރުން، ސްރީލަންކާގެ ހަތަރު ގާނޫނީ ވަކީލުންގެ ޓީމެއް މި ހަފުތާގައި ސައުދީ އަރަބިއްޔާއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ޓީމުގައި ހިމެނޭ ވަކީލު އުޕުލް ކުމާރައްޕެރުމަ ބުނި ގޮތުގައި، އެ ޓީމުން ސައުދީއަށް ގޮސް އަނޯޖަންގެ މައްސަލައާ ހަވާލުވެގެން ތިބި ސައުދީގެ ދެ ގާނޫނީ ފާމެއްގެ ވަކީލުންނާ ބައްދަލުކޮށް، ދެން ކުރިއަށް ގެންދާނެ ގޮތަކާ މެދު މަޝްވަރާކުރާނެއެވެ.
އަނޯޖަންގެ މަންމަ ރަސަމަނިކަމް ޔޯގަލަކްޝްމީ ވަނީ އޭނާގެ ދަރިފުޅަށް ކުރެވުނު ކުށަށް މާފުކޮށްދިނުމަށް އާދޭސްކުރާ ކަމަށާއި، އޭނާއަށް މާފުކޮށްދީ އަނބުރާ އާއިލާގެ ގާތަށް ފޮނުވައިދިނުމަށް އެދި ރޮމުން އާދޭސްކޮށްފައެވެ. ނަމަވެސް ސެޕްޓެންބަރު 28 ވަނަ ދުވަހުން ފެށިގެން އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް އާއިލާއިން ބުނެއެވެ. އޭނާގެ ބޭބެ ބުނި ގޮތުގައި އެމްބަސީއަށް އެކަން އެންގުމުން އެކަން ބަލާނެ ކަމަށް ބުނި ނަމަވެސް އަދިވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ. ސައުދީގެ ޖަލުތަކުގައި މަރުގެ ހުކުމް އިއްވާފައިވާ މީހުންނަށް އަމިއްލަ ފޯނު ބޭނުންކުރުމުގެ ހުއްދަ އާންމުކޮށް ނޯންނައިރު، ފޯނުކުރެވެނީ ޖަލުގެ އިދާރާތައް މެދުވެރިކޮށެވެ.
ސައުދީ އަރަބިއްޔާގައި މަރުގެ ހުކުމް ތަންފީޒުކުރާނެ ވަކި ތާރީހެއް އާންމުކޮށް އިއުލާނެއް ނުކުރެއެވެ. އަދި ގިނަ ފަހަރަށް އާއިލާތަކަށާއި ބޭރު ގައުމުތަކުގެ އެމްބަސީތަކަށް އަންގަނީ ހުކުމް ތަންފީޒުކުރުމަށް ފަހުގައެވެ. އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން ބުނާ ގޮތުގައި ސައުދީ އަރަބިއްޔާގައި 10 މިލިއަނަށް ވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން އުޅެއެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ފާހަގަކުރާ ގޮތުގައި، ބަހުގެ ހުރަސްތަކާއި އެކަށީގެންވާ ގާނޫނީ އެހީތެރިކަން ނުލިބުމުގެ ސަބަބުން ސައުދީގެ ގާނޫނީ ނިޒާމުގެ ތެރޭގައި އާދައިގެ މަސައްކަތްތެރިންނަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. ސައުދީ އަރަބިއްޔާގައި މަސްތުވާތަކެތީގެ މައްސަލަތަކާއި މީހުން މެރުމުގެ މައްސަލަތަކާ އަޅައިބަލާއިރު، ދީނަށް ފުރައްސާރަކުރުމުގެ މައްސަލަތަކުގައި މަރުގެ ހުކުމް ތަންފީޒުކުރުމަކީ އާންމުކޮށް ހިނގާ ކަމެއް ނޫނެވެ.
މީގެ ކުރިން 2023 ވަނަ އަހަރުގެ ޖުލައި މަހު، ސައުދީގެ ޓީޗަރެއް ކަމަށްވާ މުހައްމަދު އަލް ގާމްދީ މީސްމީޑިއާގައި ކުރި ޕޯސްޓުތަކަކާ ގުޅިގެން އޭނާގެ މައްޗަށް ވެސް މަރުގެ ހުކުމް އިއްވިއެވެ. އެމްނެސްޓީ އިންޓަނޭޝަނަލްގެ ފަރާތުން ފިލިޕް ލޫތަރ އޭރު ބުނެފައިވަނީ، ޓުވިޓަރގައި އެންމެ 10 ފޮލޯވަރުން ތިބި މީހަކު ހަމައެކަނި އޭނާގެ ހިޔާލު ފާޅުކުރުމުން މަރުގެ ހުކުމް އިއްވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ސައުދީގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ އޭއެލްކިއުއެސްޓީން ބުނި ގޮތުގައި، ފަހުން އެ ހުކުމް ބާތިލުކޮށް އޭނާގެ މައްޗަށް ވަނީ 30 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
