ތުރުކީވިލާތާއި ޕާކިސްތާނާއި ސައޫދީ އަރަބިއްޔާއިން އެކުލަވާލާފައިވާ "މައްކާ އެލަޔަންސް ފޯ ޑިފެންސް"ގެ ދަށުން، ޔަމަނުގެ ހޫތީންގެ ހަމަލާތަކާ ދެކޮޅަށް ސައޫދީ އަރަބިއްޔާއަށް އަސްކަރީ ސިފައިން ފޮނުވަން އެ ތިން ގައުމުން އެއްބަސްވެއްޖެއެވެ.

މި ނިންމުން ނިންމާފައިވަނީ ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި އެ ތިން ގައުމުގެ ހާރިޖީ އަދި ދިފާއީ ވަޒީރުން ބޭއްވި ކުއްލި ބައްދަލުވުމެއްގައެވެ. މިއީ މިދިޔަ އޮގަސްޓު މަހުގެ 7 ވަނަ ދުވަހު ސޮއިކުރި މި ދިފާއީ އެއްބަސްވުމަށް އަމަލުކުރަން ފެށި ފުރަތަމަ ފަހަރެވެ.

ސައޫދީ އަރަބިއްޔާގެ ދިފާއީ ވަޒީރު ހާލިދު ބިން ސަލްމާން ސޯޝަލް މީޑިއާގައި ވިދާޅުވި ގޮތުގައި، ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އެލަޔަންސްގެ ތެރެއިން ގުޅިގެން ފިޔަވަޅުތައް އެޅުމަށް ކޮމިޓީން ވަނީ އެއްބަސްވެފައެވެ. އަދި ޕާކިސްތާނުގެ ހާރިޖީ ވުޒާރާއިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެއްބަސްވެފައިވާ އަސްކަރީ ފައުޖުތައް ސައޫދީ އަރަބިއްޔާއަށް ފޮނުވުމުގެ މަސައްކަތް އަވަހަށް ކުރިއަށް ގެންދާނެ ކަމަށެވެ. މި ކަންކަން ކުރިއަށް ގެންދާނީ ކޮންމެ ގައުމެއްގެވެސް ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި އެއްބަސްވުމަށް އަމަލުކުރަން ފަށާފައިމިވަނީ، ޔަމަނުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ހޫތީންނާ ދެކޮޅަށް ޔަމަނުގެ ސަރުކާރު ސިފައިން ވަރުގަދަ ހަމަލާތަކެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ. ސައޫދީ އަރަބިއްޔާގެ ތާއީދު އޮންނަ ޔަމަނު ސަރުކާރުން ބުނާ ގޮތުގައި، ރަތް ކަނޑުގެ އައްސޭރީގައި އޮންނަ މުހިންމު ބަނދަރުމަތީ ރަށެއް ކަމަށްވާ މޯކާއާއި ބާބުލް މަންދަބް ކަނޑުއޮޅީގެ މުހިންމު ސަރަހައްދުތައް މިހާރު ވަނީ ސަރުކާރު ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައެވެ. މީގެ އިތުރުން، 2014 ވަނަ އަހަރުން ފެށިގެން ހޫތީންގެ ބާރުގެ ދަށުގައި އޮތް ޔަމަނުގެ ވެރިރަށް ސަންއާ ހިފުމަށްވެސް ސްޓްރެޓީޖިކް އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް ސަރުކާރު ސިފައިން ބުނެއެވެ.

ޔަމަނު ސަރުކާރަށް ތާއީދުކުރާ ސަބާ ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ތައިޒް ޕްރޮވިންސްގެ ޒުބާބް ސަރަހައްދުގައި ކުރިއަށްދާ ހަމަލާތަކުގައި ހޯމްލޭންޑް ޝީލްޑް ފޯސަސްއާއި ޖަޔަންޓްސް ބްރިގޭޑްސްގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. މި އޮޕަރޭޝަނުގައި މުހިންމު ސަރަހައްދުތަކެއް ހިފައި، ބާބުލް މަންދަބަށް ދާން އޮންނަ މަގުތަކާއި ސަޕްލައި ލައިންތައް ކަނޑާލާފައިވާ ކަމަށް އަސްކަރިއްޔާގެ މަސްދަރަކާ ހަވާލާދީ އެ ނިއުސް އޭޖެންސީން ބުނެފައިވެއެވެ.

ޔަމަނު ސަރުކާރުގެ މި އޮޕަރޭޝަނަށް އެހީތެރިވުމުގެ ގޮތުން ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން 100 ފައިޓަރ ޖެޓު ބޭނުންކުރަމުންދާ ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ. އަދި ބާބުލް މަންދަބް ސަރަހައްދުގެ ވައިގެ ސަލާމަތްތެރިކަން ކަށަވަރުކޮށްފައިވާ ކަމަށާއި، ހޫތީންގެ އެތައް ސަތޭކަ އަމާޒަކަށް ހަމަލާދީ ނައްތާލާފައިވާ ކަމަށް ކޯލިޝަނުގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް މާލިކީ ވިދާޅުވިއެވެ.

ނަމަވެސް، މޯކާ ރަށް ސަރުކާރު ސިފައިންގެ ބާރުގެ ދަށަށް ދިޔަ ކަމަށް ބުނާ ވާހަކަތައް ހޫތީން ވަނީ ދޮގުކޮށްފައެވެ. ހޫތީންގެ ފަރާތުން ތައިޒް ޕްރޮވިންސަށް ކަނޑައަޅާފައި ހުންނަ ނައިބު ގަވަރުނަރު ފުއާދު ސިނާން އާންމުކުރި ވީޑިއޯއެއްގައި ބުނެފައިވަނީ، މޯކާ އަދިވެސް އޮތީ އެ މީހުންގެ ބާރުގެ ދަށުގައި ކަމަށެވެ.

މީގެ އިތުރުން، ސައޫދީ އަރަބިއްޔާގެ ރިޔާޒުގައި އޮންނަ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށާއި ރާބިގްގައި ހުންނަ އަރާމްކޯ ކުންފުނީގެ ތެޔޮ ސާފުކުރާ ކާރުހާނާއަކަށް ހަމަލާދީފައިވާނެ ކަމަށް ހޫތީން ވަނީ ބުނެފައެވެ. އެހެންނަމަވެސް، މި ހަމަލާތަކާ ގުޅޭގޮތުން ސައޫދީ ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މި ހަމަނުޖެހުންތައް އިތުރުވެފައިމިވަނީ، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާއި، އީރާނުން ހޮރުމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ސަރަހައްދީ މަސްރަހު ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި ހޫތީން ދިން ކުއްލި ހަމަލާތަކެއްގައި މޯކާއާއި ބާބުލް މަންދަބް ކައިރީގައިވާ ރަށްތައް ހިފިއެވެ. މީގެ ސަބަބުން ތެޔޮ އުފުލާ ދެވަނަ މުހިންމު މަގު ބަންދުވެގެން ދިޔައެވެ. ޔަމަނުގެ ޕްރެޒިޑެންޝަލް ލީޑަރޝިޕް ކައުންސިލްގެ ޗެއާމަން ރަޝާދު އަލް އަލީމީ ވަނީ ހޫތީންގެ ބާރުގެ ދަށުގައިވާ ހުރިހާ ސަރަހައްދެއް އަނބުރާ ހޯދުމުގެ އޮޕަރޭޝަން ފެށިކަން އިއުލާންކުރައްވާފައެވެ.

ޔޫރަޕިއަން އިންސްޓިޓިއުޓް އޮފް ޕީސްގެ ސީނިއަރ ރިސާޗަރ ހިޝާމް އަލް އޮމައިސީ އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، ގިނަ ބައެއްގެ ސަމާލުކަން ރަތް ކަނޑަށް ހުއްޓިފައިވަނީ ކަނޑުމަގުން މުދާ އުފުލާ ރޫޓުތަކަށް އޮތް ނުރައްކަލުގެ ސަބަބުންނެވެ. ނަމަވެސް، ހަނގުރާމައިގެ މިސްރާބު ބަދަލުވެގެންދާނީ ތައިޒް، އަލް ބައިދާ އަދި އިއްބު ފަދަ ޔަމަނުގެ މެދުތެރޭގެ ސަރަހައްދުތައް ސަރުކާރުގެ ބާރުގެ ދަށަށް ގެނެވިގެން ކަމަށް އޭނާ ފާހަގަކުރިއެވެ.

މައްކާ ޑިފެންސް އެލަޔަންސްގެ އެއްބަސްވުމުގައިވާ ގޮތުން، އެ ތިން ގައުމުގެ ތެރެއިން ކޮންމެ ގައުމަކަށް ދޭ ހަމަލާއަކީވެސް އެންމެންނަށް ދޭ ހަމަލާއެއްގެ ގޮތުގައި ބަލާނެއެވެ. މިއީ ނޭޓޯގެ މުއާހަދާގައިވެސް އޮންނަ ފަދަ މާއްދާއެކެވެ. 2026 ވަނަ އަހަރުގެ ގްލޯބަލް ފަޔަރޕަވަރ އިންޑެކްސް ދައްކާ ގޮތުން، މި ތިން ގައުމު ގުޅިގެން 1.4 މިލިއަން ސިފައިންނާއި، 3،400 އަސްކަރީ މަތިންދާބޯޓާއި، 6،000 ޓޭންކުގެ އިތުރުން ކަނޑުގެ އަސްކަރީ 340 އުޅަނދު އޮވެއެވެ.

ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ހޫތީން ސައޫދީ އަރަބިއްޔާއަށް މިސައިލް ހަމަލާތަކެއް ދިނުމާ ގުޅިގެން، ޕާކިސްތާނުގެ ދިފާއީ ވަޒީރު ހަވާޖާ އާސިފް ޖިއޯ ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، ސަބަބަކާ ނުލައި ދޭ ހަމަލާއެއް ނުވަތަ ޔަމަނުގެ ހަމަނުޖެހުންތަކުގެ އަސަރު ސައޫދީއަށް ކޮށްފިނަމަ މައްކާ އެއްބަސްވުމަށް އަމަލުކުރަން ފަށާނެ ކަމަށެވެ. ނަމަވެސް، މިއަދާ ހަމައަށް އެ އެލަޔަންސުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އެނަލިސްޓުން ބުނާ ގޮތުގައި، މީގެ ކުރިން ތުރުކީވިލާތާއި ޕާކިސްތާނުން ފަސްޖެހިފައިވަނީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި މެދުވެރިއެއްގެ ދައުރު އަދާކުރުން ދޫކޮށްލަން ބޭނުން ނުވާތީއެވެ.

ގަލްފް އިންޓަނޭޝަނަލް ފޯރަމްގެ ސީނިއަރ ފެލޯ އަބްދުލްއަޒީޒް އަލްގަޝިއާން އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، ހޫތީންގެ ހަމަލާތަކުގެ ސަބަބުން މައްކާ އެލަޔަންސްގެ މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް އަވަސްވެފައެވެ. އަދި މިއީ ސަރަހައްދީ ސަލާމަތީ އޮނިގަނޑެއް އެކުލެވިގެންދާ މަންޒަރު ފެންނަ ކަމެއް ކަމަށާއި، މިއީ ސަރަހައްދުގެ ތާރީހުގައި މުހިންމު ދަނޑިވަޅެއް ކަމަށް އޭނާ ފާހަގަކުރިއެވެ.