އިސްލާމްދީނުގެ އެންމެ މާތްވެގެންވާ ބިން ކަމުގައިވާ މައްކަތުލް މުކައްރަމާއަށް އަމާޒުކޮށް، ޔަމަނުގެ ހޫތީ ހަނގުރާމަވެރި ޖަމާއަތުން ދޭން އުޅުނު ފިނޑި ޑްރޯން ހަމަލާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، މުސްލިމުންގެ އެންމެ މާތް މުގައްދަސް ސިޓީގެ އަމާންކަމާއި ހުރުމަތް ކެނޑުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ މުޅި އިސްލާމީ އުންމަތުގެ ހިތްތަކަށް ލިބުނު ފުން އަސަރަކާއި ބޮޑު ހިތާމައެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ނާޒުކު ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ސައުދީ އަރަބިއްޔާއާ އެކު ފުރިހަމަ އެއްބައިވަންތަކަންމަތީ ސާބިތުވެކަން ހާމަކުރައްވަމުން، މާތްވެގެންވާ ހަރަމްފުޅުގެ ރައްކާތެރިކަމަށާއި، އަޅުވެރިންނާއި އާންމު ރައްޔިތުންގެ ހިމާޔަތުގައި ސައުދީގެ ވައިގެ ދިފާއީ ބާރުތަކުން ދެއްކެވި ހުށިޔާރު އަދި އަވަސް ރައްދަށް ރައީސް ވަނީ ސާބަސް ދެއްވާފައެވެ. މީގެއިތުރުން، މިފަދަ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށާއި، ހަމަނުޖެހުންތައް އިތުރަށް ފުޅާވިޔަނުދީ ސުލްހަވެރިކަމާއި މަޝްވަރާގެ މަގު އިސްކުރުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

މިހާދިސާއާ ގުޅިގެން ސައުދީ ކޯލިޝަންގެ ތަރުޖަމާނު ތުރްކީ އަލް މާލިކީ ވިދާޅުވި ގޮތުގައި، މައްކާގެ ބޭރު ސަރަހައްދުން މި ޑްރޯން ވައްޓާލާފައިވާއިރު، މިއީ 2017 ވަނަ އަހަރަށް ފަހު ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި ހޫތީން މައްކާއަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލި ފުރަތަމަ ފަހަރެވެ.

މި ހާދިސާއާ ގުޅިގެން 57 މެންބަރު ގައުމު އެކުލެވޭ އިސްލާމީ އެއްބާރުލުމުގެ ޖަމާއަތް (އޯއައިސީ) އިންނާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވެސް ވަނީ މިއީ މާތް ބިންތަކުގެ ހުރުމަތް ކަނޑާލައި އާންމުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ހިންގި "ފިނޑި އަމަލެއް" ކަމަށް ވިދާޅުވެ މި ހަމަލާ ކުށްވެރިކުރައްވާފައެވެ.

ނަމަވެސް ހޫތީންގެ ތަރުޖަމާނު ޔަހްޔާ ސަރީއު ވަނީ މައްކާއަށް ހަމަލާދޭން އުޅުނު ކަމަށް ބުނާ ވާހަކަތައް ދޮގުކުރައްވައި، އެމީހުންގެ އަމާޒަކީ މާތް ބިންތަކާ ދުރުގައިވާ ސައުދީގެ އަސްކަރީ އަދި ތެޔޮ ވަސީލަތްތައް ކަމަށް ބުނެފައެވެ.

މި ހަމަލާ ދީފައި މިވަނީ، ހޫތީން ސައުދީގެ އެކި ސިޓީތަކަށް ދެމުންދާ ހަމަލާތަކުގައި އާންމުންގެ 13 މީހަކު ޒަހަމްވެ، ރަތް ކަނޑުގެ މުހިންމު ސަރަހައްދުތަކުގައި ހަމަނުޖެހުން ބޮޑުވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ފީފާއަކަށް 100 ޑޮލަރަށްވުރެ މައްޗަށް އުފުލިފައިވާ ހައްސާސް ދަނޑިވަޅެއްގައެވެ.