އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އެގޮތުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ، 64,202,565,720 ރުފިޔާއެވެ. މީގެ ތެރެއިން ހަރަދުގެ ގޮތުގައި ހިނގާނީ، 49.2 ބިލިޔަން ރުފިޔާ ކަމަށާއި އޭގެތެރޭގައި ރިކަރަންޓް ހަރަދުގެ ގޮތުގައި 39.9 ބިލިޔަން ރުފިޔާ ހިމެނޭ އިރު ކެޕިޓަލް ހަރަދުގެ ގޮތުގައި 9.3 ބިލިޔަން ރުފިޔާ ހިމެނެއެވެ.
އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކުރަނީ 40.4 ބިލިޔަން ރުފިޔާ ކަމަށް ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވިއެވެ. އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގެ ނިސްބަތުން ބޮޑު އަދަދެއް، ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމަށް ހިމަނާފައިވާ އިރު، ހަމައެކަނި އެކަމަށް 9.3 ބިލިޔަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ. މި ހަރަދުތައް ކެނޑުމަށްފަހު އަންނަ އަހަރުގެ ބަޖެޓަކީ 55 ބިލިޔަން ރުފިޔާ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ، ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކުރުމަށް ގިނަ ފިޔަވަޅުތަކެއް ހިމަނާފައިވާ ބަޖެޓެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ބަޖެޓް ވެގެން ދާނީ މި ސަރުކާރަށް ވާރުތަވި ބޮޑެތި ދަރަނިތަކުން ދިވެހިން ސަލާމަތްކޮށް، ވިސްނުންތެރި ސިޔާސަތުތަކެއްގެ ދަށުން މުސްތަގްބަލުގެ ޖީލުތަކަށް ބުރަ ބޮޑު ނުވާނެހެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަރައްގީގެ ތަސައްވަރު ކުލަކޮށްދޭނެ ބިންގަލެއް ކަމަށް ޒަމީރު ވިދާޅުވިއެވެ. ރައްޔިތުންގެ އާންމު ދިރިއުޅުމާ ގުޅިފައިވާ ސިއްހަތު، ތައުލީމު އަދި ހަކަތަ ފަދަ މުހިންމު އަސާސީ ހިދުމަތްތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ގެނެސްދޭނެ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ބަޖެޓެއް ކަމަށް ޒަމީރު ވިދާޅުވިއެވެ. މިއީ ގައުމީ ތަރައްގީގެ މުހިންމު ލަނޑުދަނޑިތަކަށް ހަގީގީ ކުލަވަރު ގެނުވާނެ ފަދަ ބަޖެޓެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
