ޖަލުތަކާއި ޑިޓެންޝަން ސެންޓަރުތައް ގާއިމް ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 45 މިލިއަން ރުފިޔާގެ ބަޖެޓެއް ހިމަނައިފިއެވެ.
އަންނަ އަހަރަށް ލަފާ ކުރާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓުގައި ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް ކަނޑައަޅާފައި ވަނީ 8.31 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން އަދުލު އިންސާފާއި އަމަންއަމާން ކަން ގާއިމު ކުރުމަށް 175.37 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
އޭގެ ދަށުން ޖަލުތަކާއި ޑިޓެންޝަން ސެންޓަރުތައް އެޅުމަށް 41.03 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. ހަމައެއާއެކު ކުށްކުރާ މީހުން ރިހެބިލިޓޭތް ކުރުމުގެ ޕްރޮގްރާމްތައް ހިންގާ ސެންޓަރުތައް އެޅުމަށް 3.14 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
މި ސަރުކާރު ވެރިކަމަށް އައިސް ޖަލުގެ ހާލަތުތައް ބެލި އިރު، ހުރީ އެންމެ އެދެވޭ މިންގަނޑުތަކަށް ނޫން ކަމަށް ހޯމް މިނިސްޓްރީން މީގެ ކުރިން ބުނެފައި ވެއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގައި ސެންޓްރަލް ޖަލެއް ގާއިމް ކުރަން ނިންމަވާފައެވެ.
މި ޖަލު ގާއިމްކޮށް ތިން އަހަރު ދުވަހުގެ ތެރޭގައި އެ ތަން އޮޕަރޭޝަނަށް ގެންދެވޭނެ ގޮތަށް މަސައްކަތް ކުރަމުން ދާ ކަމަށް ވެސް ހޯމް މިނސިްޓްރު އަލީ އިހުސާން ވިދާޅުވެފައި ވެއެވެ. މި ޖަލު ގާއިމް ކުރެވުމުން ކަނޑަައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ޖަލުތަކުން ދޭ ހިދުމަތްތަކާއި ގައިދީންނަށް ދޭން ޖެހޭ ރިހެބިލިޓޭޝަންގެ ކަންކަން އެންމެ ފުރިހަމައަށް ގެންދެވޭނެ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.
އެގޮތުން މި ސެންޓްރަކް ޖަލު ގާއިމް ކުރުމަށް އުތުރުތިލަފަޅުން 30 ހެކްޓަރުގެ ބިމެއް ހަމަޖައްސާފައިވާ އިރު، މިއީ 6000 މީހުންނަށް ހިދުމަތް ދިނުމަށް ގާއިމްކުރާ ސެންޓްރަލް ޖަލެކެވެ. މި ޖަލުގައި ކުށްވެރިން ބައިތިއްބާ ތަންތަނާއި ސްޓާފް ކުއާޓާއެއް ހިމެނޭ އިރު، ތައުލީމީ ހިދުމަތް ދިނުމަށް ކްލާސް ރޫމްތަކާއި ލައިބްރަރީގެ އިތުރުން މަލްޓިޕާޕަސް ހޯލެއް ވެސް އެ ޖަލުގައި ހުންނާނެއެވެ. ހަމަައެއާއެކު ސިއްހީ ފަރުވާ ދިނުމަށް ހާއްސަކޮށް އާންމު އަދި ހާއްސަ ބަލިތަކަށް ވެސް ފަރުވާ ދެވޭ ގޮތަށް ފާމަސީއަކަާއެކު ހޮސްޕިޓަލެއްވެސް ގާއިމް ކުރަން ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން މުވައްޒަފުން ތިބޭ ތަންތަނާއި އެކިކަހަލަ ތަމްރީންތައް ފޯރުކޮށްދޭނެ ތަންތަނުގެ އިތުރަށް ކުޅިވަރު ކުޅެވޭނެ ސަރަހައްދެއް ތަރައްގީ ކުރުމަށް ހަމަޖެހިފައި ވެއެވެ. އަދި ޑްރަގް ރިހެބިލިޓޭޝަން އަދި ޑިޓޮކްސް ފެސިލިޓީއަކާއި 1000 މީހުންގެ ޖާގައިގެ މިސްކިތެއް ވެސް އެ ޖަލުގައި ގާއިމް ކުރަން ވަނީ ނިންމާފައެވެ.

 
												
												 
								 
					 
					 
					 
					 
					 
					 
					 
					