ސަރުކާރުގެ ފަރާތުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސް މަރުހަލާ ނިންމާލައިފިއެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ، ބަޖެޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް 15 މިނެޓުގެ ވަގުތެއް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ނިންމި އިރު ވަޒީރާ ސުވާލުކުރުމަށް 45 މިނެޓާއި ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް 7 މިނެޓުގެ ވަގުތެއް ވަނީ ދީފައެވެ.
ބަޖެޓަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި 60 މެންބަރުން ވާހަކަދައްކާފައިވާއިރު ބަހުސްގައި ބައިވެރިވެ ވަޑައިގެންނެވި ގިނަ މެންބަރުން ވަނީ މިއީ އުއްމީދީ ބަޖެޓެއް ކަމަށް ވިދާޅުވެފައެވެ. މި ބަޖެޓާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް ގިނަ މެންބަރުންވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ބަހުސް ކުރެއްވި ބައެއް މެންބަރުން ވަނީ ބަޖެޓުގައި ހުރި ބައެއް ކަންކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.
ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް މާލިއްޔަތު ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި މިހާރު އަންނަނީ ކުރަމުންނެވެ. ސަރުކާރުން އަންނަ އަހަރަށް ހުށަހަޅާފައިވަނީ 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.
