ފާއިތުވި ސަރުކާރުތަކުންވެސް ވަކިވަކި މަޝްރޫއުތަކުގެ ތަފުސީލު ބަޖެޓުގައި ހިމެނި ނަމަވެސް އެދެވޭ ނަތީޖާއެއް ހާސިލުކުރި މަންޒަރު ފެނިފައިނުވާކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޒަމީރު މިފަދައިން ވިދާޅުވީ، ކެޕިޓަލް ހަރަދުގެ ތެރެއިން ޕީއެސްއައިޕީ މަޝްރޫއުތަކުގެ ވަކިވަކި ތަފްސީލުތައް މި އަހަރުގެ ބަޖެޓުގައިވެސް ނެތް ކަމަށް ބުނެ އިދިކޮޅު އެމްޑިޕީ ފަރާތްތަކުގެ އިތުރުން އޮޑިޓާ ޖެނެރަލް ވެސް އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓު ދިރާސާކުރުމަށް އެކުލަވާލި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް މިއަދު މައުލޫމާތު ދެއްވަމުން ޒަމީރު ވިދާޅުވީ، އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގެ މައިގަނޑު އެއް އަސާސަކީ ދަރަނި ދެއްކުމަށް މަގުފަހިކޮށްދިނުން ކަމަށެވެ. އަދި ހުއްޓުމެއް ނެތި ރައްޔިތުންނަށް ހިދުމަތް ދިނުމަށް މަގުފަހިކުރުމަކީވެސް މުހިންމު ކަމެއް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އަދި އެކަން ބަޖެޓު ބައްލަވާލައްވައިފިއްޔާ އެނގިވަޑައިގަންނަވާނެ ކަމަށާއި ދަރަނީގެ އިތުރުން ބަޖެޓުގައި މިހާރު ރާއްޖޭގަ ލިބޭ އާމްދަނީއަށް ބަލައިގެން ހަރަދުތައް "ސްޓްރީމްލައިން"ކޮށްފައި ހުންނާނެ ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.

މަޝްރޫއުތަކުގެ ތަފްސީލް ބަޖެޓްގައި ނެތުމާއި ގުޅޭގޮތުން ޒަމީރު ވިދާޅުވީ މީގެ ކުރިން ބަޖެޓު ތައްޔާރުކުރިއިރު، ތަފުސީލުކޮށް އެކި މަޝްރޫއުތައް ހިންގަން ހަރަދުވާނެ އަދަދުތައް ބަޖެޓުގައި ހިމަނާކަމަށެވެ. އެކަމަކު އެފަދައިން އަދަދުތައް ހިމެނި ނަމަވެސް، މިހާތަނަށް ހާސިލުކުރެވުނު ނަތީޖާއެއް ނެތްކަމަށް ޒަމީރު ވިދާޅުވިއެވެ.

މިއަދު ބޭއްވި ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

އަދި މިގޮތަށް ތަފުސީލު ލިޔެގެން 2024 ވަނަ އަހަރަށް ސަޕްލިމެންޓަރީ ބަޖެޓެއް ހުށައަޅަން ޖެހުނު ނަމަވެސް، ރައްޔިތުން ބޭނުންވާ ގޮތަށް މަޝްރޫއުތައް ހިންގުމަށްޓަކައި ސީދާ މަޝްރޫއުތަކަށް ހިނގާނެ ހަރަދުތައް ހިމަނައިގެން 2025އަށް މި ސަރުކާރުން ބަޖެޓު ހުށައަޅައި، ފާސްކުރުމުން ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަން ނުޖެހި، މަޝްރޫއުތައް ނުހުއްޓު ކުރިއަށްގެންދެވޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ތާރީހަށް ބަލާއިރު، އޭރު އަޅުގަނޑުމެން ގޮއްސަ މި ބުނަނީ މީތި ޖަހައިދީ ހޮސްޕިޓަލެއް އަޅަން 2 މިލިޔަން. ރަށުގައި ބަނދަރު އަޅަން 4 މިލިޔަން. މިހެން ޖަހަނީ."
މިނިސްޓަރު ޒަމީރު

އަންނަ އަހަރަށް އެންމެ ބޮޑު ޗެލެންޖެއްގެ ގޮތުގައި އޮތީ އެއްފަހަރާ 600 މިލިއަން ޔޫއެސް ޑޮލަރު ދެއްކުން ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ، އެ ފައިސާ ދެއްކުމަށް ތައްޔާރުވުމުގެ ގޮތުން ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ވަރަށް ގިނަ ދަތުރުތައް ކުރައްވައިގެން ރާއްޖޭގެ ޒަމާނީ ދަރަންޏަށް ލުއެއް ހޯދައިދެއްވާފައި ކަމަށެވެ.

އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ސީދާ ރަށްރަށަށް ވަޑައިގެން އެ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވައި އެ ރަށަކަށް ބޭނުންވާ މަޝްރޫއުތައް އޮޅުންފިލުއްވައި ރައްޔިތުން ބޭނުންވާ ގޮތަށް އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ސަގާފަތެއް ގާއިމުކުރައްވާފައިވާ ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

އަންނަ އަހަރަށް ލަފާކޮށްފައިވަނީ 64.3 ބިލިއަން ރުފިޔާގެ ބަޖެޓަކަށްވާއިރު ޕްރޮޖެކްޓްތަކާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަން 9.3 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.