ދައުލަތުގެ އާމްދަނީއަށް ކުރިއެރުން ލިބިފައިވާ ކަމަށް މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން 19 މާޗް 2026 ގެ ނިޔަލަށް އެކުލަވާލާފައިވާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ދައްކައިފިއެވެ.

އެގޮތުން، މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 9.4 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 9.0 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 4.4 އިންސައްތައިގެ ކުރިއެރުމެކެވެ.

އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމެވެ. ޓެކްސް އާމްދަނީ ވަނީ 12.8 އިންސައްތަ އިތުރުވެ، 7.7 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 82 އިންސައްތައެވެ. އަދި އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އެވެ.

ރިޕޯޓުގައިވާ ގޮތުން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ:

  • ޖީއެސްޓީގެ ގޮތުގައި 4.0 ބިލިއަން ރުފިޔާ ލިބިފައިވޭ (މިއީ މިދިޔަ އަހަރަށްވުރެ 10.8 އިންސައްތަ އިތުރު އަދަދެއް)
  • ފަތުރުވެރިކަމުގެ ދާއިރާގެ (ޓީޖީއެސްޓީ) ގެ ގޮތުގައި ލިބުނު 2.9 ބިލިއަން ރުފިޔާ ލިބިފައިވޭ
  • އާންމު ޖީއެސްޓީގެ ގޮތުގައި ލިބުނު 1.1 ބިލިއަން ރުފިޔާ ލިބިފައިވޭ
  • ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބިފައިވާ (މިއީ މިދިޔަ އަހަރަށްވުރެ 24.8 އިންސައްތަ އިތުރު އަދަދެއް)
  • ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވޭ
  • ރާއްޖޭގައި ވަޒަންވެރިނުވާ ފަރާތްތަކުން ނަގާ ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި 426.2 މިލިއަން ރުފިޔާ ލިބިފައިވޭ
  • ގްރީން ޓެކްސްގެ ގޮތުގައި 497.3 މިލިއަން ރުފިޔާ ލިބިފައިވޭ
  • އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި 427.7 މިލިއަން ރުފިޔާ ލިބިފައިވޭ

ދައުލަތުގެ ހަރަދުތަކަށް ބަލާއިރު، 19 މާރިޗު 2026 ގެ ނިޔަލަށް ޖުމްލަ ހަރަދު ހުރީ 7.3 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.3 އިންސައްތައިގެ ދަށްވުމެކެވެ. ހިންގުމުގެ ހަރަދު ނުވަތަ ރިކަރަންޓް ހަރަދު 10.5 އިންސައްތަ ދަށްވެފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 7.8 އިންސައްތަ ދަށްވެފައެވެ. ނަމަވެސް، ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް ހަމަހަމަކުރުމަށް ނޮވެމްބަރ 2025ގައި އަމަލުކުރުމަށް ފެށި ސިޔާސަތާއިއެކު، މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރި ހަރަދު ވަނީ 3.0 އިންސައްތަ އިތުރުވެ، 2.7 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މި ރިޕޯޓުން ދައްކާ ގޮތުގައި ދައުލަތުގެ މާލީ ހާލަތު ވަނީ ބޮޑުތަނުން ރަނގަޅުވެފައެވެ.

ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސް ހުރީ 2.1 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 140.7 އިންސައްތައިގެ ކުރިއެރުމެކެވެ.

މީގެ އިތުރުން، ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި އުފައްދާފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް)އަށް ޖަމާކުރި ފައިސާ ވެސް ވަނީ 8.6 އިންސައްތަ އިތުރުވެފައެވެ. އަދި ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓްގެ މިންވަރު ވެސް ވަނީ 18.0 އިންސައްތަ އިތުރުވެފައެވެ.