ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ބޭންކް އޮފް މޯލްޑިވްސްގެ ކޯޕަރޭޓް ކެމްޕޭން "ދިވެހީންގެ ބޭންކް - މުޅި ރާއްޖެއަށް" އިފްތިތާހުކޮށްދެއްވައިފިއެވެ.

އެމަނިކުފާނު މި ކެމްޕޭން އިފްތިތާހުކޮށްދެއްވީ ބާސެލޮސް ނަސަންދުރާގައި މިއަދު ހެނދުނު ބޭއްވި ހަފުލާއެއްގައެވެ. މި ހަފުލާއަކީ ބޭންކް އޮފް މޯލްޑިވްސްގެ ކޯޕަރޭޓް ކެމްޕޭން "ދިވެހީންގެ ބޭންކް - މުޅި ރާއްޖެއަށް" އިފްތިތާހުކުރުމަށާއި ބައެއް އާ ޕްރޮޑަކްޓް އިފްތިތާހު ކުރުމަށާއި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ ބިޔަ މަޝްރޫއުގެ ނިމުން ފާހަގަ ކުރުމަށް ބޭއްވި ހާއްސަ ހަފްލާއެކެވެ.

މި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ކޯޕަރޭޓް ކެމްޕޭން 'ދިވެހީންގެ ބޭންކް - މުޅި ރާއްޖެއަށް' އިފްތިތާހްކޮށްދެއްވައި ބީއެމްއެލްއިން އަލަށް ތައާރަފުކުރާ ޑިޖިޓަލް ވޮލެޓްގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.

މި ހަފްލާގައި ބީއެމްއެލްއިން ވަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސިންގް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މައިގަނޑު ހިއްސާ ބޭންކުން ގަތުމަށްފަހު، އެކުންފުނި ރީބްރޭންޑްކޮށްފައެވެ. އަދި ބޭންކުން އަލަށް ތައާރަފުކުރާ ވިސާ ޕްލެޓިނަމް އެމެރިކާ ޑޮލަރު ކާޑުގެ އިތުރުން ބޭންކުގެ ހިދުމަތްތައް ފުޅާކުރެވި މުޅި ރާއްޖެއަށް ބޭންކިންގް ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތާގުޅިގެން އެ ބޭންކަށް، "އައުޓްސްޓޭންޑިންގް އެޗީވްމަންޓް އޮފް ދަ އިޔާ އިން ފައިނޭންޝިއަލް އިންކްލޫޝަން" އެވޯޑް ލިބިފައިވާތީ އެކަން ވެސް ފާހަގަކޮށްފައި ވެއެވެ.

"ދިވެހީންގެ ބޭންކް – މުޅި ރާއްޖެއަށް" ކެމްޕޭނު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު

ވޭތުވެދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި ވިހި އަތޮޅެއްގެ 105 ރަށެއްގައި ބީއެމްއެލްއިން ވަނީ އެބޭންކުގެ އޭޓީއެމް. ބަހައްޓާފައެވެ. މި ހަފުލާގައި އޭޓީއެމްތައް ބެހެއްޓުމުގައި ހަރަކާތްތެރިވި ޓީމުގެ މެންބަރުންގެ އަގުވަޒަންކުރައްވައި ދެއްވި ހަނދާނީ ފިލާ އެ ފަރާތްތަކާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

މުޅި ރާއްޖެއަށް ބޭންކިންގް ހިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވަވާ އިސްކަމާއި އެހީތެރިކަން ފާހަގަކުރައްވައި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ވަނީ އެމަނިކުފާނަށް ހަނދާނީ ފިލައެއް އަރުވާފައެވެ.

މި ފިލާ ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ މުޅި ރާއްޖެއަށް ބޭންކިންގް ހިދުމަތް ލިބޭނެގޮތް މަގުފަހިކޮށްދިނުމަށްޓަކައި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް، ހުރިހާ ދިވެހި ރައްޔިތުންނަށް ވީހާވެސް ގާތުން، ފަސޭހަކަމާއެކު ބޭންކިންގް ހިދުމަތްތައް ފޯރުކޮށްދިނުމަށް އެ މަނިކުފާނު އިސްނަންގަވައިގެން ފެއްޓެވި މި މަޝްރޫއު ކާމިޔާބުކުރުމަށްޓަކައި ދެއްވި އިސްކަމާއި، އެހީތެރިކަން ފާހަގަކުރުމުގެ ގޮތުންކަމުގައި އެ ބޭންކުން ފާހަގަކުރެއްވިއެވެ.