ހަރުދަނާ ރަގަޅު ސިޔާސަތެއްގެ ދަށުން ހިންގޭ ތަރައްގީގެ ޕްރޮޖެކްޓްތަކަށާއި އާންމު ފަރުދުންގެ ކުރިއެރުމަށް، ހަރުދަނާ ބޭންކިން އުސޫލުތަކުގެ ދަށުން ބޭންކުން ކަންތައްތައް ކުރުމަކީ ބޭންކު ސިޔާސީ ވުންކަމަށް ގަބޫލުނުކުރައްވާ ކަމުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
މިއަދު “ދިވެހީންގެ ބޭންކު - މުޅިރާއްޖެއަށް” އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަމުން ޝަރީފް ވަނީ ބީއެމްއަލްއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާއި، އެ ބޭންކަށް ކުރަމުންދާ ތުހުމަތުތައް، އަދި މިހާތަނަށް ބީއެމްއެލް އިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލުތައް ހާމަަކުރައްވާފައެވެެ. އެގޮތުން ޝަރީފް ވިދާޅުވީ ދިވެހިންގެ ބޭންކެއް ދިވެހިންނާ ހަމަޔަށް ގެނައުމުގެ ބޭނުމަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދައިދިނުމާއި މުޅި ދިވެހިރާއްޖޭގެ މާއްދީ ތަރައްގީގެ މުހިއްމު ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުން ކަމަށެވެ.
ބީއެމްއަލްއަކީ ދިވެހި ސަރުކާރާއި އެތައް ހާސް ދިވެހި ރައްޔިތުން ހިއްސާވާ ބޭންކަށްވުމާއި، އަދި ހަމައެހެންމެ ރާއްޖޭގެ ކޮންމެ ސިނާއަތަކާއި، ކޮންމެ ކުންފުންޏަކާއި، ކޮންމެ ވިޔަފާރިއަކާއި ކޮންމެ ގޭބީސީއަކާއި، ކޮންމެ ދަރިވަރަކާއި، ކުރުކޮށް ދަންނަވާނަމަ ކޮންމެ ދިވެހިރައްޔިތަކާ މި ބޭންކާ ގުޅިފައި އޮތްކަމީ އެކިއެކި ފާޑު ކިޔުންތައް އަމާޒުވެގެންދާ ސަބަބެއްކަމުގައި ޝަރީފް ވިދާޅުވިއެވެ. މިފަދަ ފާޑުކިޔުންތަކުގެ ހަގީގަތް ހާމަކުރުމަކީ މުހިއްމުކަމެއްކަން ހާމަކުރައްވަމުން ޝަރީފް ވިދާޅުވީ މިހާރަކަށް އައިސް އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ ބީއެމްއެލްއިން ސަރުކާރުން އެދޭ ކޮންމެ ކަމެއް ކުރަމުންދާ ވާހަކަ ކަމަށެވެ.
ދިވެހިރާއްޖޭގެ އިގްތިސާދީ އޮނިގަނޑަށް ބަލާއިރު ބީއެމްއެލްގެ ޖުމްލަ އެސެޓްސް މުޅި ދިވެހިރާއްޖޭގެ ޖީޑީޕީގެ 38 ޕަސެންޓް ތަމްސީލުކުރާކަން ހާމަކުރައްވަމުން ޝަރީފް ވިދާޅުވީ އެ ބޭންކަކީ ހަމައެކަނި މާލީ މުއައްސަސާއެއްގެ ބަދަލުގައި ދިވެހިރާއްޖޭގެ އިގްތިސާދީ އޮނިގަނޑުގެ އަސާސީ ތަނބެއް ކަމަށެވެ. އިތުރަށް ޝަރީފް ވިދާޅުވީ ސަރުކާރުން އިގްތިސާދަށް ކުރިއެރުން ގެނައުމަށް ކުރާ މަސައްކަތުގައި ބޭންކުން ބައިވެރިވެ، ބޭންކުން އިޖާބަދީ އެއްބާރުލުން ދެނީ ވަކި ތައައްސުބެއްގެ ބޭނުމުގައި ނޫންކަމަށެވެ.
ސަރުކާރާއި ބީއެމްއެލް ގުޅިގެން މިހާތަނަށް ކުރެވުނު މަސައްކަތްތަކާއި އެކަމުން ލިބުނު ފައިދާ ހިއްސާކުރަމުން ޝަރީފް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި؛
- ބައިނަލް އަގުވާމީ ރިސްކް މިންގަޑުތަކާއި އެއްގޮތަށް، ބޭންކުން ލޯނާއި ފައިނޭންސިންގ އަދި ސަރުކާރުގެ ޓްރެޝަރީ ބިލްއާއި އަދި އެހެނިހެން އިންވެސްޓްމެންޓްތައް، އަދި ރިލޭޓެޑް ޕާޓީ އެކްސްޕޯޝަ އާއި ސިންގަލް ޕާޓީ އެކްސްޕޯޝަ، އަދި ލިކުއިޑިޓީ ރޭޝިއޯ ފަދަ މުހިންމު މިންގަޑުތައް ބޭންކުގެ ރިސްކް އެޕެޓައިޓްގައި ހިމަނައި ހަރުދަނާ މިންވަރެއްގައި ތްރެޝްހޯލްޑް ތަކާއިއެކު ބޭންކުގެ ބޯޑުން ކަނޑައަޅާ ބޭންކުގެ ރިސްކް މެނޭޖްމެންޓް ޕޮލިސީ އެކުލަވާލާފައިވޭ.
- ސަރުކާރާއި މިފްކޯއާއެކު އެއްބަސްވުމެއް ގާއިމްކޮށް 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމުގެ ނިޒާމު ގާއިމުކުރަން. މިކަމުން ލިބުނު ފައިދާއަކީ މަސްވެރިން މާލީ ދާއިރާގައި ބައިވެރިކުރުވުމުގެ ގޮތުން މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް އެމީހުންގެ އާމްދަނީއަށް ބިނާކޮށް ޕަރސަނަލް ފައިނޭންސިންގް ހިދުމަތް ހަމަޖެހުން. އަދި ކްރެޑިޓް ކާޑު، ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުން ފަދަ އެކި ބޭނުންތަކަށް ފަސޭހައިން ލޯނާއި ފައިނޭންސް ލިބޭނެ ގޮތް ބޭންކުން ހަމަޖެއްސުން.
- ކާޑު ލިމިޓްތައް އިތުރުކުރުން. އާއްމު ރައްޔިތުން ރާއްޖެއިން ބޭރުގައި ޑެބިޓް ކާޑު ބޭނުން ކުރެވޭ އަދަދު ބޮޑުކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާއެކު ބޭންކަށް ކުރިން ދިމާވެފައިވާ ފޮރިން އެކްސްޗޭންޖް ޝޯޓް ޕޮޒިޝަން ހަރުދަނާ ސިޔާސަތެއްގެ ދަށުން ރަގަޅުކުރުމަށް ސަރުކާރުން އެހީތެރިވުން.
- ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން، މިނިސްޓްރީ އޮފް ފިނޭންސް އިން މިކަމަށް ހާއްސަ އިސްކަމެއް ދީގެން ބޭންކަށް އެހީތެރިވުން އަދި މިހާރު ބޭންކުން މި ވޭތުވެދިޔަ 5 އަހަރު ތެރޭ އޮތް ހާލަތުން އަރައިގަނެ، އެންއޯޕީ މައިނަހުން ޕޮޒިޓިވް ރޭންޖަށް ގެނެސްފައިވުން. އަދޮ އެކި ބޭނުންތަކަށް ޑޮލަރު ދޫކުރާ މިންވަރު އިތުރުކޮށްދެވޭ ހާލަތަށް ބޭންކު ވަނީ އައިސްފައި.
މީގެ އިތުރުން މި ހަފްލާގައި ޝަރީފް ވަނީ ބީއެމްއެލް އިން ބޯހިޔާވަހިކަމެއް ނުވަތަ ގެދޮރުވެރިކަމަށް ބޭނުންވާ ލޯނުތައް ދޫކުރުމާއި ރައްޔިތުންނަށް ފަސޭހައިން ލޯނު ލިބޭ ފަދަ އިންތިޒާމުތައް ހަމަޖެހި އިންޓްރެސްޓް ރޭޓުތަކަށް ގެނެސްފައިވާ ހެޔޮ ބަދަލުތައްވެސް ހާމަކުރައްވާފައެވެ.
