ހުސްވި ހަފްތާ އެކަނިވެސް ސްކޭމްކޮށްގެން 3 ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގެންފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހާ ހަމައަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާންމުކޮށްފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ސްކޭމްގެ 35 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު އެ މައްސަލަތަކުގައި ޖުމްލަ 372،515.59 ރުފިޔާ ވަނީ ފޭރިގެންފައެވެ.
ނަމަވެސް ގެއްލުނު ފައިސާގެ ތެރެއިން ރިކަވާ ކުރެވުނީ މަދު އަދަދެއްގެ ފައިސާއެވެ. އެއީ 148،781.94 ރުފިޔާ ކަމަށް އެ ތަފާސް ހިސާބުން އެނގެއެވެ.
ސްކޭމްތައް ހިންގުމަށް އެންމެ ގިނައިން ވަގުން ބޭނުންކޮށްފައި ވަނީ އީ-ކޮމާސްގެ އުކުޅެވެ. އެފަދަ 13 މައްސަލައެއްވާއިރު ކަރަންސީ އެކްސްޖޭންޖްކޮށްގެން މަކަރު ހެދި ކަމުގެ 6 މައްސަލައެއް ހިމެނެއެވެ. މީގެ އިތުރުން ވެސް އިންޕަސަނޭޝަންގެ 9 މައްސަލައެއް އަދި ޕިޝިން އަދި ޖޮބް ސްކޭމްގެ 6 މައްސަލައަކާއި އެހެނިހެން 1 މައްސަލަ ހިމެނެއެވެ.
މި ސްކޭމްތައް ހިންގުމަށް ބޭނުންކޮށްފައިވާ މަންސަތަކަކީ:
- ފޯން ކޯލް
- އައިބޭ
- އޮންލައިން މެސެޖިންގް މަންސަތައް
- ޕިޝިންގް ލިންކް
- ފޭސްބުކް މާކެޓް ޕްލޭސް
ސްކޭމް މައްސަލަ ރާއްޖޭގައި އިންތިހާއަށް ބޮޑުވެފައިވާއިރު، އެންޓި-ސްކޭމް ސެންޓަރުގެ މަގްސަދަކީ ސްކޭމަރުންގެ ސަބަބުން ދިވެހި ރައްޔިތުންނާއި ދިވެހިރާއްޖެއަށް މާލީގޮތުން ލިބެމުންދާ ގެއްލުންތައް ނައްތާލައި ރައްކާތެރިކަން ދެމެހެއްޓުމަށާއި އެންމެހައި ރައްޔިތުންނަށް ރައްކާތެރި ޑިޖިޓަލް މާހައުލެއް އުފެއްދުމެވެ.
މިފަދަ މައްސަލަތައް ގިނަ ވެފައިވާއިރު، މޯބައިލް ފޯނަށް މެސެޖުގެ ޒަރީއްޔާއިން އަންނަ އެއްވެސް ލިންކަކަށް ނުފިތުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ. އަދި ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓާ އޮތެންޓިކޭޝަން ހެދުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއްކަމަށް އެ ސެންޓަރުން ބުނެއެވެ.
