މުދާ ވިއްކާނެ ކަމަށް ބުނެ ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދި ދެ މައްސަލައަކާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. ހޮޅުދޫ، ހީނާގެ، އަލީ އައްފާން (32އ) އާއި، ނ. ހޮޅުދޫ، ޕްލާޒާ، މުހައްމަދު ހަމީދު (34އ) ގެ އިތުރުން ނ. ވެލިދޫ، ވީނަސް، ހައްސާނު އަލީ (34އ) އެވެ.
ހައްޔަރުކުރި މީހުންގެ ތެރެއިން ހައްސާނު އަލީ ހައްޔަރުކޮށްފައިވަނީ ސެޕްޓެންބަރު މަހުގެ 2 ވަނަ ދުވަހުގެ ވަގުތެއްގައި، ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް މީހަކާ ވާހަކަދައްކައި ޑިންގީއެއް ވިއްކާނެ ކަމަށް ބުނެ މަކަރާއި ހީލަތުން 30,000 ރުފިޔާ އަތުލާފައިވާ މައްސަލައެއްގައެވެ. ކޯޓު އަމުރެއްގެ ދަށުން މި އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު ނ. ވެލިދޫއިން އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މީގެ އިތުރުން، އަލީ އައްފާން އާއި މުހައްމަދު ހަމީދު ހައްޔަރުކުރީ އޮގަސްޓު މަހުގެ 7 ވަނަ ދުވަހު ފޭސްބުކް މާކެޓްޕްލޭސްގައި އިންޖީނެއް ވިއްކާ ކަމަށް ދައްކައިގެން މަކަރާއި ހީލަތުން 30,000 ރުފިޔާ އަތުލި މައްސަލައެއްގައެވެ. ކޯޓު އަމުރެއްގެ ދަށުން މި ދެ މީހުން ވެސް މި އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު ނ. ހޮޅުދޫއިން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ދެ މީހުންގެ ބަންދަށް ވެސް 15 ދުވަސް ޖަހައިދީފައެވެ.
ފުލުހުންގެ ހިދުމަތުން ދަނީ މި ދެ މައްސަލަ ވެސް އިތުރަށް ތަހުގީގުކުރަމުންނެވެ. އޮންލައިންކޮށް ވިޔަފާރިކުރުމުގައި މިފަދަ ސްކޭމްތަކުން ސަމާލުވެ، ރައްކާތެރިކަން އިސްކުރުމަށް ފުލުހުން އަބަދުވެސް އިލްތިމާސްކުރެއެވެ.
