އޮންލައިންކޮށް ހިންގި 32،000 ރުފިޔާގެ ސްކޭމްގެ މައްސަލައަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މި މައްސަލައަކީ ވަޓްސްއެޕް މެދުވެރިކޮށް ވާހަކަދައްކައި، މަކަރާއި ހީލަތުން ފައިސާ އަތުލާފައިވާ ކަމަށް، މި މަހުގެ 13 ވަނަ ދުވަހު ހުށަހެޅި މައްސަލައެއް ކަމަށެވެ.

މި ސްކޭމް ހިންގާފައިވަނީ ވަޓްސްއެޕް މެދުވެރިކޮށް، ގަސްތުގައި އޮޅުވާލައިގެން، 32،000 ރުފިޔާ އަތުލައިގެންނެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހ. ވެލަސްފަރުގެ / މާލެ، ހުސައިން ސާމިރު (40އ) އާއި، ދަފްތަރު. ނަންބަރު ރސ 6007 / މާލެ، މުހައްމަދު ރީހާން (33އ) އާއި، ޖޯޖެޑްވިލާ / މާލެ، އަހްމަދު ސުޖާއު (46އ) އެވެ.

ހައްޔަރުކުރި މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހުސައިން ސާމިރު އާއި އަހްމަދު ސުޖާއު 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި މުހައްމަދު ރީހާން ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް މައުލޫމާތު ދެއެވެ.

ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ އާންމުންނަށް ބައެއް އިލްތިމާސްތަކެއް ކޮށްފައެވެ. އެގޮތުން، އޮންލައިން މެދުވެރިކޮށް ފޮނުވާ ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި، އޯޓީޕީ ކޯޑު އެހެން ފަރާތްތަކާ ހިއްސާނުކުރުމަށާއި، އޮންލައިންކޮށް ވިޔަފާރިކުރުމާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި، މުއާމަލާތު ކުރެވޭ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށް ސަމާލުވުމަށް އިލްތިމާސްކުރެއެވެ. އަދި ޒާތީ މައުލޫމާތާއި ބޭންކިން ތަފުސީލުތައް އެހެން ފަރާތްތަކާ ހިއްސާ ނުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މަކަރާއި ހީލަތުގެ އަމަލެއް ފާހަގަކުރެވިއްޖެ ނަމަ ލަސްނުކޮށް ދިވެހި ފުލުހުންގެ ހިދުމަތުގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.