ދިވެހި ފުލުހުންގެ ހިދުމަތުގެ އެންޓި-ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ 30،000 ރުފިޔާގެ ސްކޭމް މައްސަލައެއްގެ ތަހުގީގަށް އަންހެނަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ހަވާލު ނުކުރެވިގެން އޭނާ ހޯދަން އިއުލާނު ކޮށްފިއެވެ.

ފުލުހުން ފޮޓޯއާ އެކު މައުލޫމާތު އާންމުކޮށްފައި ވަނީ މ. ގޯބިލިގަސްދޮށުގެ، ސަލީމާ ސަލީމް (54އ) ގެއެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި އޭނާއަކީ ސްކޭމްކޮށްގެން ހޯދާފައިވާ ފައިސާ ފިހާރައެއްގެ އެކައުންޓަށް ޖަމާކުރުމަށްފަހު، އެ ފިހާރައިން މުދަލާ ހަވާލުވާން ދިޔަ މީހާއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، އެންޓި-ސްކޭމް ސެންޓަރުން ބަލަމުންދާ މައްސަލައިގެ ތަހުގީގަށް ސަލީމާ ހާޒިރުކުރުމަށް ބޭނުންވި ނަމަވެސް، އޭނާ މިހާރު އުޅޭ ވަކި ތަނެއް އެނގިފައި ނުވާތީ ތަހުގީގަށް ހާޒިރުވުމުގެ ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ތަހުގީގަށް ހާޒިރުވުމަށް އަންގައި އޭނާ ހޯދުމަށް އާންމުކޮށް އިއުލާނުކުރީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އޭނާއަށް އަންގާފައި ވަނީ، މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށްޓަކައި އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވުމަށެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް މިހާރު އިތުރުވަމުން އަންނަ އިރު، މިފަދަ އެކި މައްސަލަތަކުގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވާ މީހުން އުޅޭ ވަކި ތަނެއް ނޭނގިގެން މީގެ ކުރިން ވެސް ފުލުހުން ވަނީ އެތައް ބަޔަކު ހޯދުމަށް އިއުލާނުކޮށްފައެވެ. މިފަދަ މައްސަލަތައް އިތުރު ވަމުން އަންނަ އިރު ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އަންނަނީ ނަސޭހަތްތެރިވަމުންނެވެ.