ގައުމެއް ބިނާކުރުމުގެ މައިގަނޑު މަގުސަދަކީ އެ ގައުމެއްގެ ރައްޔިތުންގެ ވިސްނުމާއި ހުނަރު ބޭނުންކޮށްގެން އަމިއްލަ ސަލާމަތް ހޯދުމުގެ ގާބިލުކަން ލިބިދިނުން ކަމުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ކްލިކް ކޮލެޖްގެ ރިހިޔޫބީލް ފާހަގަކުރުމަށް، ރޭ މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.
އެކަމަނާ ވިދާޅުވީ ތައުލީމީ ނިޒާމުގައި ސިއްހަތު، އާ ވިސްނުންތައް، އަދި މަސައްކަތްތެރިކަމާއި ހުނަރުވެރިކަމަށް އިސްކަންދެވެނީ ދަރިވަރުންގެ ފިކުރީ އަދި އަމަލީ ގާބިލިއްޔަތު ކުރިއެރުވުމަށް ކަމަށެވެ. އުފެއްދުންތެރިކަން، ވިޔަފާރި، އަދި ސިޔާސަތު ފަދަ ދާއިރާތަކުން ދަރިވަރުން ތަމްރީނުކުރެވެނީ ގައުމުގެ މުސްތަގުބަލު ބިނާކުރުމަށް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
އަހުލާގު ރަނގަޅު، ހަރުދަނާ އަދި ޒިންމާދާރު ޖީލެއް އުފެއްދުމަކީ އުފާވެރި މުސްތަގުބަލެއް ހާސިލުކުރުމަށާއި ގައުމަށް އުފެއްދުންތެރިކަމާއި ކުރިއެރުން ގެނެސްދޭނެ ޖީލެއް ބިނާކުރުމަށް މަގުފަހިވާނެ ކަމެއް ކަމުގައި ސާޖިދާ ފާހަގަކުރެއްވެވިއެވެ. އަދި އެ ޖީލުގެ ސަބަބުން އަމާންކަމާއި ރައްކާތެރިކަން، އޭގެ ހުރިހާ މާނައެއްގައި ޔަގީންކުރެވޭނެކަން އެކަމަނާ ވަނީ ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގައި އަމިއްލަ ފަރާތްތަކުން ފޯރުކޮށްދޭ ތައުލީމުގައިވެސް އަދި ސަރުކާރުން ދެމުން ގެންދާ ތައުލީމުގައިވެސް މި މުހިންމު އަސާސްތައް ދެމެހެއްޓިފައިވާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް ސާޖިދާ ވިދާޅުވިއެވެ. އެފަދަ ދަރިވަރުން އުފެއްދޭނެފަދަ ޕްރޮގްރާމްތައް ކްލިކް ކޮލެޖްގައި ކުރިއަށް ގެންދާކަން އެކަމަނާ ފާހަގަކުރެއްވެވިއެވެ.
ދިވެހިރާއްޖޭގެ ތައުލީމީ ތާރީހުގައި އަމިއްލަ އެކި ފަރާތްތަކުގެ އިސްނެގުމާއި ހިދުމަތް، މުހިއްމު ދައުރެއް އަދާކޮށްފައިވާކަން ފާހަގަކުރައްވާ ސާޖިދާ ވިދާޅުވީ ގައުމު ބިނާކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ކަމަށެވެ. ދިވެހީންގެ ބަހާއި ސަގާފަތާއި އާދަކާދަތަކަށް ކަމޭހިތާ، ޒަމާނަށް ލޯހުޅުވިފައިވާ، އުފެއްދުންތެރި، ނަޒާހަތްތެރި ޖީލެއް ބިނާވެގެން އައުމަށް އުއްމީދު ކުރައްވާކަން އެކަމަނާ ވިދާޅުވިއެވެ.
