މުޖުތަމައުގައި އަންހެނުން ބާރުވެރިކުރުވައި، ފަންނީ ހުނަރުތައް ދަސްކޮށްދިނުމުގެ މަގްސަދުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކުރިއަށް ގެންދިޔަ "ވިލުންތެރި ކަނބަލުން" ޕްރޮގްރާމް ނިންމައި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
މިކަމަށް ހާއްސަކޮށް އިއްޔެ ހަވީރު ހުޅުމާލޭ ރެހެންދީ ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، މި ޕްރޮގްރާމް ފުރިހަމަކުރި 200 ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދެވެ.
"ވިލުންތެރި ކަނބަލުން" ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ ކޮންމެ ކަމެއްގައި އެހެން މީހުންނަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ފަންނީ ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމެވެ. ތިން މަސްދުވަހުގެ މުއްދަތަށް، އެކި ބެޗުތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ގޭތެރޭގައި ބޭނުންކުރާ އެކި ޒާތުގެ އިލެކްޓްރޯނިކްސް އަދި ޑޮމެސްޓިކް އެޕްލަޔަންސަސްތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެ ތަކެތި އަމިއްލައަށް މަރާމާތުކުރާނެ ގޮތުގެ އަމަލީ ތަމްރީނުތައް ބައިވެރިންނަށް ވަނީ ދަސްކޮށްދީފައެވެ.
އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރު ވިދާޅުވީ، މި ޕްރޮގްރާމުގެ ސަބަބުން އާންމުކޮށް ފިރިހެނުން ކުރާ މަސައްކަތެއްގެ ގޮތުގައި މުޖުތަމައުގައި ބެލެވިފައި އޮންނަ ގޭތެރޭގެ އެޕްލަޔަންސް އަދި ސައިކަލު ފަދަ ތަކެތި މަރާމާތުކުރުމުގެ ހުނަރު އަންހެނުންނަށް ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި މިއީ ވަކި ޖިންސަކަށް ވަކި މަސައްކަތެއް ހާއްސަވެފައި އޮންނަ އޮތުން ނުވަތަ 'ސްޓޭރިއޯޓައިޕް' ބަދަލުކޮށް، ޖިންސީ ތަފާތުކުރުންތައް ނައްތާލުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ދިވެހި އަންހެނުން ބާރުވެރިކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އަހައްމިއްޔަތުކަން ވެސް އެމްޑީގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި، އެ ކޯޕަރޭޝަނާއި އެމްއައިޓީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، މުޖުތަމައު ބާރުވެރިކުރުމުގެ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ޒުވާނުންނަށް އަމާޒުކޮށްގެން ހުނަރުވެރިކުރުވުމުގެ އިތުރު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވެސް މިހާރު ވަނީ ރޭވިފައެވެ.
