އެއްޗެއް އަލަށް އުފެއްދުމުގެ އަސްލަކީ ޢިލްމު ހޯދުމަށް ދެވޭ އަހައްމިއްޔަތުކަން ކަމަށާއި، ކޮންމެ އީޖާދަކުން ވެސް އާންމު ރައްޔިތުންނަށް ލާބަޔާއި މަންފާ ލިބެންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިދާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގައި މިއަދު ފެށި "ތެވެލި އިންޓަނޭޝަނަލް ކޮންފަރެންސް 2026" ގެ ނުވަވަނަ ބައްދަލުވުން އިފްތިތާހު ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޒަމާނީ ވަސީލަތްތަކާއެކު ދުނިޔެ ބަދަލުވަމުން އަންނައިރު، ޓެކްނޮލޮޖީގެ ކާމިޔާބީ ވަޒަންކުރަންވާނީ އެއިން ދިރިއުޅުމުގެ ހާލަތަށާއި، ސިއްހަތަށާއި، ތައުލީމީ ދާއިރާއަށް ގެނެސްދޭ ހެޔޮ ބަދަލުތަކުން ކަމުގައި ސާޖިދާފާހަގަކުރެއްވިއެވެ. ހަމައެހެންމެ، ސައިންސާއި އީޖާދީ މަސައްކަތްތަކަކީ ވަކި ޖިންސަކަށް ހާއްސަ ދާއިރާއެއް ނޫންކަން ފާހަގަކުރައްވައި، މުސްތަގުބަލު ބައްޓަންކުރުމުގައި އަންހެނުންނާއި އަންހެން ކުދިން އިސްނަގައިގެން ކުރިއަށް ދިއުމަށްވެސް ސާޖިދާ ވަނީ ހިތްވަރު ދެއްވާފައެވެ.
ޒުވާން ޖީލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ، ދަރިވަރުންނަކީ ހަމައެކަނި ޓެކްނޮލޮޖީގެ ހިދުމަތް ހޯދާ ބަޔަކަށް ވުމުގެ ބަދަލުގައި އާ އީޖާދުތައް އުފައްދާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އަދި ތައުލީމީ އިދާރާތަކުން ދަރިވަރުންގެ ފާޑުކިޔުމުގެ ވިސްނުން ތަރައްގީކޮށް، އާ ކަންކަން ހޯދުމަށް ޖެހިލުންނުވުމުގެ ރޫހު އަށަގަންނުވަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، އެކަޑަމިކް ދިރާސާތައް ހަމައެކަނި ކަރުދާހުގައި ނުބަހައްޓައި، އަމަލީ މައިދާނުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ބޭނުންކުރުމަށް ސާޖިދާ އިލްތިމާސްކުރެއްވިއެވެ. މިގޮތުން ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ވިޔަފާރިތަކާއި، ދިރާސާވެރިން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން އެކަމަނާ ހާމަކުރެއްވިއެވެ.
މި އަހަރުގެ ތެވެލި ކޮންފަރެންސް ކުރިއަށްދަނީ ސައިންސާއި ޓެކްނޮލޮޖީ އަދި މުޖުތަމައަށް އަންނަ އީޖާދީ ބަދަލުތަކަށް ހާއްސަކޮށްގެންނެވެ. މި ރަސްމިއްޔާތުގައި ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތްތަކަށް އެވޯޑު ދެއްވުމުގެ އިތުރުން، ވަޒީރުންނާއި، އެމްއެންޔޫގެ އިސްވެރިންނާއި، ބޭރުގެ މަންދޫބުން އަދި ގިނަ އަދަދެއްގެ ދިރާސާވެރިންނާއި ދަރިވަރުން ބައިވެރިވިއެވެ.
