ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޭ މާލީ އެހީތެރިކަން އެދުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށް ޔޫތު މިނިސްޓްރީއިން ބުނެފިއެވެ.
ޔޫތު މިނިސްޓްރީއިން ނެރުނު އިއުލާނެއްގައި ބުނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު މާދަމާއިން ފެށިގެން ހުޅުވާލާނެ ކަމަށެވެ.
ޔޫތު މިނިސްޓްރީއިން ބުނީ ސަރުކާރުން ދޭ މާލީއެހީތެރިކަމަށް އެދުމަށް 30 ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށެވެ. އެގޮތުން މާދަމާއިން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ 27 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހުގެ 2 ގެ ނިޔަލަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މީޑިއާތަކަށް ލިބިގެންދާނެ ކަމަށް ޔޫތު މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ވަންގަވް ގެ ތެރޭގައި ގާއިމު ކޮށްފައިވާ 'މީޑިއާއެޕް' އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ކަމަށް ޔޫތު މިނިސްޓްރީއިން ބުނެއެވެ.
ދައުލަތުގެ ބަޖެޓުން ކަނޑައަޅައި، ދޭ މާލީ އެހީތެރިން ދިނުމަށް އެކަށައެޅި އުސޫލު ވަނީ މީގެ ކުރިން ގެޒެޓް ކޮށްފައެވެ. އެ އުސޫލުގެ ދަށުން މާލީ އެހީތެރިކަމަށް އެދެވޭނެ މީޑިއާތަކާއި އެހީއަށް އެދުމަށްޓަކައި ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކާއި ތަފްސީލުތައް ހިމަނާފައިވެއެވެ.އެހީ ލިބޭ ފަރާތްތަކަށް ލިބޭ ޖުމްލަ މާކްސް ނުވަތަ ޕޮއިންޓް ޕޯޓަލްގެ ތެރެއިން ފެންނަން ހުންނާނެކަން ޔޫތު މިނިސްޓްރީ އިން ވަނީ ފާހަގަކޮށްފައެވެ.
ޔޫތު މިނިސްޓްރީއިން ބުނީ މީޑިއާއަކަށް ލިބޭ މާލީ އެހީގެ ތަފްސީލާއި އެހީ ލިބޭ މީޑިއާއަކާ ގުޅޭ ގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ލިބިގެން ދާނެ ކަމަށެވެ. އަދި ޝަކުވާ ބަލައި ޖަވާބުދާރީ ވުމުގެ ހުރިހާ މަރުހަލާ އަކާއި އެހީއަށް އެދި ހުށަހަޅާ ފަރާތުން މުރާޖައާ ކުރަން އެދޭނަމަ އެ މަރުހަލާގެ ހުރިހާ މުއާމަލާތެއްވެސް ޕޯޓަލްގެ ތެރެއިން ކުރެވެން ހުންނާނެ ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެހީގެ ގޮތުގައި ލިބޭ ފައިސާގެ އަދަދުތަކާއި ފައިސާގެ މުއާމަލާތްތައް ކުރިއަށް ދާގޮތް ވެސް ޕޯޓަލްގެ ތެރެއިން ފެންނަން ހުންނާނެ ކަމަށް ޔޫތު މިނިސްޓްރީއިން ބުނެފައިވެއެވެ.
މި އަހަރުން ފެށިގެން ކޮންމެ އަހަރަކަށް ކަނޑައަޅާ ދައުލަތުގެ ބެޖެޓުގައި އަމިއްލަ މީޑިއާތަކަށް 0.1 ޕަސެންޓް ކަނޑައަޅުއްވާ ދެއްވަމުން ގެންދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.