ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައީސް އޮފީސް ދޮރުމަތީގައި މަދު ނޫސްވެރިންތަކެއް ނިކުމެ އިހުތިޖާޖު ކޮށްފިއެވެ.
މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނީ، މި އިހުތިޖާޖަކީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ބޮޑެތި ގޮންޖެހުންތަކަކާއި ނުރައްކާތަކެއް ކުރިމަތިވެފައިވާކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ބޭއްވި ހަރަކާތެއެއް ކަމަށެވެ.
މި ހިމޭން އިހުތިޖާޖުގައި ބައިވެރިވި ނޫސްވެރިން ވަނީ ރައީސް އޮފީސް ސަރަހައްދަށް ސަންދޯކެއް ގެންގޮސްފައެވެ. އިހުތިޖާޖުގެ ބައިވެރިން ބުނި ގޮތުގައި، މި ސަންދޯކުން ރަމްޒުކޮށް ދެނީ ރާއްޖޭގައި މިނިވަން ނޫސްވެރިކަން މަރުވެ، ވަޅުލެވިފައިވާ ކަމެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ނުރައްކާތެރި ފައްތަރަކަށް ވެއްޓިފައިވާކަން ދައްކުވައި ދިނުމަކީ މި ހަރަކާތުގެ މައިގަނޑު މަގްސަދު ކަމަށް ބުނެފައި ވެއެވެ.
މި އިހުތިޖާޖުގައި 4 ނޫސްވެރިން ބައިވެރިވެފައިވާ އިރު، އެ ބައިވެރިން ތިބީ އަނގަމަތީގައި ޓޭޕް އަޅައިގެންނެވެ. އަދި އެ މީހުން ތިބި ދިމާލު ކުރިމަތީގައި ސަންދޯއް ބަހައްޓައިގެން ތިބި އިރު، އެ ސަންދޯކުގައި ވަނީ "ޕްރެސް ފްރީޑަމް 2008-2026" މިހެން ޖަހާފައެވެ.
މި އިހުތިޖާޖު ކުރިއަށް ގެންގޮސްފައި މި ވަނީ، ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރްއެސްއެފް) އިން ނެރުނު މި އަހަރުގެ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ސޮއްސާލާފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ އަހަރު 104 ވަނައިގައި އޮތް ރާއްޖެ، މިއަހަރު ވަނީ 180 ގައުމުގެ ތެރެއިން 108 ވަނައަށް ވެއްޓިފައެވެ. އަދި ރާއްޖޭގެ ޖުމްލަ ސްކޯ ވަނީ 52.46 އިން 49.23 އަށް ދަށަށް ގޮސްފައެވެ.
އެ އިންޑެކްސްގެ ވަކިވަކި ބައިތަކަށް ބަލާއިރު، ސިޔާސީ މިންގަނޑުން ރާއްޖެ ވަނީ 123 އިން 129 އަށް ވެއްޓިފައެވެ. އިގްތިސޯދީ މިންގަނޑުން 118 އިން 157 އަށް ވެއްޓިފައިވާ އިރު، ގާނޫނީ އޮނިގަނޑުގެ މިންގަނޑުން 103 އިން 126 އަށް ވަނީ ދަށަށް ގޮސްފައެވެ. މީގެ އިތުރުން ސަލާމަތީ މިންގަނޑުން ވެސް 56 އިން 77 އަށް ވަނީ ވެއްޓިފައެވެ.
މިއަދުގެ އިހުތިޖާޖާ ގުޅިގެން ސަރުކާރުގެ ރަސްމީ ފަރާތްތަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިޔުމާ ގުޅިގެން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ދާދި ފަހުން ވިދާޅުވެފައި ވަނީ، އިންޑެކްސް އިން ދަށަށް ދިޔުމަކީ ހަމައެކަނި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ވާކަމެއް ނޫން ކަމަށާއި، އެހެން ގައުމުތަކުން ހޯދާ ކުރިއެރުމުގެ ސަބަބުން ވެސް ރޭންކިން އަށް ބަދަލު އަތުވެދާނެ ކަމަށެވެ.
