ހުޅުމާލޭ ފޭސް އެކެއްގައި ގާއިމްކުރާ މީޑިއާ ވިލެޖުގެ މަސައްކަތް އަންނަ އަހަރު ނިމޭނެ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު، މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ، މަސައްކަތް ކުރިން ހަވާލުކޮށްފައި އޮތް ވުޒާރާ ބަދަލުވި ނަމަވެސް މަސައްކަތަށް ބުރުއެއް ނާރާ ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށެވެ. އަންނަ ޖޫން މަހުގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް މުންދު ވިދާޅުވިއެވެ.

"މިހާރު މަސައްކަތް ނިމުމާ ކައިރިވެފައި އޮތްކަމަށް އެހެން ނަމަވެސް އެންމެ ލަސްވެގެންވެސް ޖޫން މަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމަށް" މުންދު ވިދާޅުވިއެވެ.

މިއީ މީޑިއާތަަކަށް އޮފީސް އަދި ސްޓޫޑިއޯ ބޭނުމަށް އަމިއްލަ ފަރާތްތަކުން ތަންތަން ކުއްޔަށް ނަގަން ޖެހިފައިވާތީ މާލީ ގޮތުން މީޑިއާތަކަށް ދިމާވަމުންދާ ދަތިތަކަށް ހައްލު ހޯދައި ދިނުމަށް ވަރަށް ކުޑަ އަގެއްގައި އޮފީސް އަދި ސްޓޫޑިއޯ ޖާގަ ދޫކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހަދަމުންދާ މީޑިއާ ވިލެޖުގައި 34 ޖާގަ ހިމެނެއެވެ.

މި މަޝްރޫއު ކުރިއަށްދަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މީގެ 17 ވަރަކަށް އަހަރު ކުރިން އެސްޓީއޯއިން ސިޓީ ހޮޓަލެއް ތަރައްގީކުރަން ފެށި އިމާރާތުގައެވެ. އެ އިމާރާތް ތަރައްގީކޮށް ހިންގުމަށް ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ. "މަންހަޓަން ގްރޭންޑު"ގެ ނަމުގައި އެ ހޮޓާ އަލުން ތަރައްގީ ކުރާއިރު، އެތަނުގެ 3 ނުވަތަ 5 ފަންގިފިލާ ހާއްސަ ކުރަނީ، ޔޫތު ސެންޓަރަކާއެކު މީޑިއާ ވިލެޖާއި، މެޑިކަލް ކޮލެޖާއި، ތަރިކަ ކޮލެޖެއް ގާއިމް ކުރުމަށް ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ބުނެފައެވެ.