މައުލޫމާތާއި ހަބަރު ފެތުރުމުގެ ދާއިރާގައި އިތުބާރު ހުރި ނަމަކަށް ވެފައިވާ "ދަ ޕްރެސް" އޮންލައިން ނޫހަށް 8 އަހަރު ފުރިއްޖެއެވެ.
ތެދު މައުލޫމާތު ވީ އެންމެ އަވަހަކަށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގެ އަޒުމުގައި މަސައްކަތް ކުރަމުންދާ "ދަ ޕްރެސް" ގެ ޓީމުން އަންނަނީ ނޫސްވެރިކަމުގެ މިންގަނޑުތަކުގެ ތެރެއިން ނަމޫނާ މަސައްކަތްތަކެއް ދައްކަމުންނެވެ.
މެއި 3، 2018 ގައި ހިދުމަތް ދޭން ފެށި މި ނޫހުން، ވޭތުވެދިޔަ 8 އަހަރު ދުވަހުގެ ތެރޭގައި ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. ވަކި ފަރާތަކަށް ނުޖެހި، ކަރަންޓް އެފެއާޒް ހަބަރުތަކާއި ރާއްޖޭގައި އެ ވަގުތެއްގައި ހިނގާ އެންމެ ހައްސާސް ކަންކަމުގެ މައުލޫމާތު ފުރިހަމައަށް ފޯރުކޮށްދިނުމުގައި މި ނޫހުގެ ނޫސްވެރިން ކުރަމުންދާ ބުރަ މަސައްކަތަކީ މިއަދު ގިނަ ބަޔަކު ބަލައިގަންނަ ފާހަގަކޮށްލެވޭ މަސައްކަތެކެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ހަބަރުތަކުގެ އިތުރުން، ބައިނަލްއަގުވާމީ މައިދާނުގައި ހިނގާ މުހިއްމު ކަންކަމާއި ދުނިޔޭގެ ހަބަރުތައް ދިވެހި ބަހުން ތަފްސީލުކޮށް ގެނެސްދިނުމުގައި ވެސް "ދަ ޕްރެސް" އިން އަންނަނީ ހާއްސަ ދައުރެއް އަދާކުރަމުންނެވެ.
ވޭތުވެދިޔަ 8 އަހަރުގެ ތަޖުރިބާއަށް ބަލާއިރު، ރާއްޖޭގައި ބޭއްވުނު އެކި އިންތިހާބުތަކާއި ސިޔާސީ މަސްރަހުގައި ހިނގާފައިވާ މުހިއްމު ކަންކަން ވަގުތުން ވަގުތަށް އާންމުންނަށް ވަނީ ގެނެސްދީފައެވެ. ހަަމައެއާއެކު މުޖުތަމައު ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި، ރަށްރަށުގެ ދިރިއުޅުމާއި، ފަންނުވެރި ހުނަރުވެރި މަސައްކަތްތެރިންގެ ވާހަކަތައް ގެނެސްދިނުމަށް މި ނޫހުން ވަނީ ހާއްސަ އިސްކަމެއް ދީފައެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތާއި، އިޖުތިމާއީ ގޮތުން ހުރި މައްސަލަތަކަށް ރައްޔިތުންގެ ސަމާލުކަން ގެނައުމަށް "ދަ ޕްރެސް" އިން ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ.
ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އެންމެ ފަހުގެ ހަބަރުތައް ގެނެސްދިނުމުގައި ދެމިތިބުމަށެވެ. ޓެކްނޮލޮޖީގެ ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފައި، ކިޔުންތެރިން ބޭނުންވާ ފަދަ ފެންވަރު ރަނގަޅު ކޮންޓެންޓް އުފެއްދުމަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމުގެ ޔަގީންކަން މި ނޫހުގެ މެނޭޖްމަންޓުން އަރުވައެވެ.
މި އުފާވެރި މުނާސަބަތުގައި، "ދަ ޕްރެސް" ގެ ކިޔުންތެރިން ދެއްވާ އެއްބާރުލުން ފާހަގަކޮށް، މުޅި ޓީމުގެ ފަރާތުން ކިޔުންތެރިންނަށް އިހުލާސްތެރި ޝުކުރެއް އަދާކުރަމެވެ. ހަމައެހެންމެ މި ނޫހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ސްޕޮންސަރުންގެ ދައުރު ފާހަގަކޮށް، އެ ފަރާތްތަކުން ލިބޭ އެއްބާރުލުމަށް ވެސް ހާއްސަ ޝުކުރެއް ރައްދުކުރެއެވެ.

