ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ) ގެ ޗެއާޕާސަންގެ މަގާމަށް މ. އެމޭޒަން، މުހައްމަދު ޝާމީ އާދަމް، އައްޔަންކޮށްފަިއވާ ކަމަށް މިއަދު އެ ކުންފުނިން ބުނެފިއެވެ.

ސާމީ މިއަދު އެމަގާމަށް އައްޔަން ކޯށްފައިވާ ކަމަށް ބުނެފައިވާ އިރު، މީގެ ކުރިން ވެސް އާރްޑީސީ ޗެއާގެ މަގާމުގައި ހުންުނެވި ޝާމީ އެ މަގާމުން ވަކި ކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ. ހަމައެއާއެކު އޭރު ޝާމީ ވަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ބޯޑު މެންބަރުކަމުން ވެސް ވަކިކޮށްފައެވެ. ނަމަވެސް އޭނާ އެ މަގާމުތަކުން ވަކި ކުރި ސަބަބުން ޕީސީބީ އިން އޭރު ހާމައެއް ނުކުރެއެވެ.

އާރްޑީސީން ދާދި ދެންމެއަކު ކުރި ޕޯސްޓެއްގައި ވަނީ ޝާމީ އަށް މަރުހަބާ ކިޔާފައެވެ. އަދި ކުންފުނި ހިންގުމުގައި ޝާމީގެ އިރުޝާދާއެކު ކުރިއަށް ދިއުމަށް ތައްޔާރަށް ތިބި ކަމަށް އެ ކުނފުނިން ބުނެފައި ވެއެވެ.

ޝާމީ އަކީ ސޭފްޓީ އެންޑް ސެކިއުރިޓީ، ސްކޫބާ ޑައިވިން، ބޯޓް އޮޕަރޭޝަންސް އެންޑް މެނޭޖްމަންޓް، ފިޝަރީޒް މެނޭޖްމަންޓް، ރިސްކް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، ޓްރެއިނިން މެނޭޖްމަންޓް އަދި އޯވަރޯލް ބިޒްނަސް އެކްޓިވިޓީސް ބެލެހެއްޓުން ފަދަ ދާއިރާތަކުން 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އިންސްޓްރަކްޓަރެއްގެ ގޮތުގައި 1991 ވަނަ އަހަރު ކެރިއަރު ފަށައި، އެމްއެންޑީއެފް ޓްރެއިނިން ކޮމާންޑްގެ ހެޑް އޮފް ޓްރެއިނިން ޑިޕާޓްމަންޓްގެ މަގާމުން ވަކިވެވަޑައިގަތުމުން 2005 ވަނަ އަހަރާ ހަމައަށް އެމްއެންޑީއެފް ޓްރެއިނިން ކޮމާންޑުގައި އޭނާ މަސައްކަތް ކުރެއްވިއެވެ. އެމްއެންޑީއެފްގައި މަސައްކަތް ކުރެއްވުމަށް ފަހު، ފަޔާ އެންޑް ސޭފްޓީ މެނޭޖްމަންޓަށް ކެރިއަރު ބަދަލުކޮށް، އެންޓިފަޔާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގައި ޖެނެރަލް މެނޭޖަރުގެ މަގާމު އަދާކުރެއްވިއެވެ.

އޭގެ ފަހުން 2007 އިން 2009 އަށް އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރުކަމާއި 2013 އިން 2015 އަށް ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރުކަން ކުރެއްވިއެވެ. އޭނާ ވަނީ ހޮލިޑޭ އިން ރިސޯޓް ކަންޑޫމާ، މޯލްޑިވްސްގައި ރިސްކް އެންޑް މެރިން އޮޕަރޭޝަންސް މެނޭޖަރު (މެނޭޖްޑް ބައި އިންޓަކޮންޓިނެންޓަލް ހޮޓެލްސް ގްރޫޕް) ގެ މަގާމު ވެސް އަދާކޮށްފައެވެ.