އިންޑިއާގެ ލަކީ ގްލޯބަލް ޕްރޮޖެކްޓްސް ކުންފުންޏަށް ދައްކަން ޖެހޭ 11.7 މިލިއަން ރުފިޔާ އެއްފަހަރާ ދައްކައި ހަލާސްކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މިއީ 2023 ވަނަ އަހަރު ދެ ކުންފުނީގެ މެދުގައި ވެފައިވާ އެއްބަސްވުންތަކެއްގެ ދަށުން ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ލަކީ ގްލޯބަލް ކުންފުނިން ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ. ފައިސާ ދެއްކުމާ ގުޅޭގޮތުން މި އަހަރުގެ ތެރޭގައި ތިން ސެޓްލްމަންޓް އެއްބަސްވުމެއް ހަދާފައިވީ ނަމަވެސް، އާރްޑީސީން އެ އެއްބަސްވުންތަކާ އެއްގޮތަށް ފައިސާ ދައްކާފައިނުވެއެވެ. ޝަރީއަތުގައި އާރްޑީސީން ބުނީ އެއްބަސްވި ގޮތަށް ފައިސާ ނުދެއްކުނީ ކުންފުނީގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ކަމަށެވެ.

މި މައްސަލައިގެ ޝަރީއަތުގައި އާރްޑީސީން ވަނީ ކުންފުނީގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން އެ ފައިސާ މަހުން މަހަށް ބަހާލައިގެން ދެއްކޭނެ ލުއި ގޮތެއް ހަމަޖައްސައިދިނުމަށް އެދިފައެވެ.

އެހެންނަމަވެސް ލަކީ ގްލޯބަލް ކުންފުނިން އެގޮތަށް ފައިސާ ބަހާލުމަށް އިއުތިރާޒުކޮށް، ޝަރީއަތުގެ އިތުރު އަޑުއެހުމަކަށް ނުގޮސް ފައިސާ އެކީ އެއްފަހަރާ ދެއްކުމަށް އެދިފައިވާތީ، ކޯޓުން ނިންމީ އެ ކުންފުނިން އެދުނު ގޮތަށް ފައިސާ އެއްފަހަރާ ދެއްކުމަށް އާރްޑީސީގެ މައްޗަށް އަމުރުކުރުމަށެވެ.

މި ހުކުމާ އެކު އާރުޑީސީން 11.7 މިލިއަން ރުފިޔާގެ ބޮޑު އަދަދެއް އެއްފަހަރާ ދައްކަން ޖެހޭއިރު، މިއީ އެ ކުންފުންޏަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުގެ ސަބަބުން އިތުރަށް ބުރަބޮޑުވެގެންދާނެ ކަމެކެވެ.