ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަން އުވާލައި ސްޓެލްކޯއާ، އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އުވާލައި އެމްޓީސީސީއާ އެއްކޮށްލަން ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުގައި ފެނަކައިގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާ މިންވަރު އޮޑިޓާ ޖެނެރަލްގެ ރިޕޯޓުން ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ. އެގޮތުން ފެނަކައިގެ ހިންގުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، އެއީ ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ކުރެވޭނެ ކަމެއް ނޫން ކަމަށް ފަންނީ ބޭފުޅުން ލަފާދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ސަރުކާރުން ފުންކޮށް ވިސްނައި މަޝްވަރާ ކުރުމަށްފަހު، ފެނަކަ އުވާލައި ސްޓެލްކޯއާ އެއްކޮށްލުމަށް މިހާރު ވަނީ ނިންމާފައެވެ. މި ބަދަލާއެކު މި ޕްރޮސެސް ނިމުމުން މުޅި ރާއްޖެއަށް ކަރަންޓާއި ފެނުގެ ޚިދުމަތް ދޭނީ ސްޓެލްކޯއިންނެވެ.
މީގެއިތުރުން، އާރްޑީސީ އުވާލައި އެމްޓީސީސީއާ އެއްކޮށްލުމަށް ނިންމެވި ސަބަބު ހާމަކުރައްވަމުން ރައީސް ވިދާޅުވީ، އާރްޑީސީން މައިގަނޑު ގޮތެއްގައި ކުރަމުންދަނީ މަގުހެދުމުގެ މަސައްކަތް ކަމަށާއި، އެމްޓީސީސީއަކީ ވެސް މަގުހެދުމާއި އެހެނިހެން އުމްރާނީ މަސައްކަތްތައް ކުރަމުން އަންނަ ކުންފުންޏަކަށް ވުމުން މަސައްކަތްތައް ޑުޕްލިކޭޓްވެ، ޚަރަދު ވަރަށް ބޮޑުވާ ކަމަށެވެ. އެހެންކަމުން މި ބަދަލު ގެންނަނީ ހަރުދަނާ އަދި އެފިޝަންޓް ނިޒާމެއްގެ ތެރެއިން އުމްރާނީ މަސައްކަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ.
މި ބަދަލާއެކު އެމްޓީސީސީގައި އޮންނަ ސަރުކާރުގެ ހިއްސާ ބޮޑުކުރެވި، އޭގެ ފައިދާ ސީދާ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ، މި ބަދަލުތަކުގެ ތެރެއިން ކުންފުނިތައް "ރައިޓް ސައިޒް" ކުރުމަށްޓަކައި، ކުންފުންޏަށް ބޭނުންވާ މިންވަރަށް މުވައްޒަފުން ހަމަޖައްސައި، ބޭކާރު ގޮތުގައި ތިބި މުވައްޒަފުން މަދުކުރެވިގެން ދާނެ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މުވައްޒަފުން މަދު، ޚަރަދު ކުޑަ އަދި އެފިޝަންޓް ނިޒާމެއްގެ ތެރެއިން ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
