ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އިބްރާހިމް ނަޒީމް ވަކިކޮށް، ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އައްޔަން ކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ހާމަކޮށްފައިވާ ގޮތުގައި، އިބްރާހިމް ނަޒީމް މަގާމުން ވަކިކޮށް އާރްޑީސީގެ ވަގުތީ އެމްޑީގެ މަގާމަށް ސައުދީ ހަމަޖައްސަވާފައިވަނީ އިއްޔެއިން ފެށިގެންނެވެ.

ސަރުކާރު ހިންގުމުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ފަދަ ކުންފުނިތައް އެހެން ކުންފުނިތަކާ އުވާލަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެކުރިން އިއުލާނުކުރައްވާފައެވެ. އެގޮތުން، އާރްޑީސީ އުވާލާ އެމްޓީސީސީ އާއި އާރްޑީސީ އެއްކޮށްލާފައިވާއިރު ސްޓެލްކޯ އާއި ފެނަކަވެސް ވަނީ އެއްކޮށްލާފައެވެ.

މި ބަދަލުތަކާ ގުޅިގެން، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފައިވާ ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހުއްމަދު އަފީފުވެސް ވަނީ އިއްޔެ މަގާމުން ވަކިކޮށްފައެވެ. ސަރުކާރުގެ ކުންފުނިތައް ހަރުދަނާކޮށް، ދައުލަތުގެ ބަޖެޓަށް މެދުވެރިވާ ބުރަ ކުޑަކުރުމަށްޓަކައި މިފަދަ އިސްލާހީ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.