ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިއީ ރާއްޖޭގައި އެކައުންޓިންގް އަދި މާލީ ދާއިރާ ހަރުދަނާކުރުމަށްޓަކައި ވެވުނު އެއްބަސް ވުމެއް ކަމަށް ބީއެމްއެލްއިން ބުނެއެވެ. އެގޮތުގެ މަތިން މި އެއްބަސްވުމުގެ ދަށުން، ބީއެމްއެލް އާއި ސީއޭ މޯލްޑިވްސް ގުޅިގެން ދާއިރާގެ މައުލޫމާތު އާންމުންނަށް ހިއްސާކުރުމާއި، ގަވާއިދުތައް އެކުލަވައިލުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ހަމަ އެހެންމެ ދާއިރާގެ ފަންނުވެރީންގެ ގާބިލުކަން އިތުރުކުރުމާއެކު އެކައުންޓިންގް އަދި އޮޑިޓިންގް ދާއިރާ އިތުރަށް ހަރުދަނާކުރުމަށްވެސް މަސައްކަތްކުރާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބޭންކުގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި މި އެއްބަސްވުމަކީ މުޅި ގައުމުގައި އެކައުންޓިންގް އަދި މާލީ ދާއިރާގެ ޕްރޮފެޝަނަލް މިންގަނޑުތައް އިތުރަށް ހަރުދަނާކުރުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށް ވެއެވެ. އަދި ސީއޭ މޯލްޑިވްސްއާއެކު ކުރުމަށް ހަމަޖެހިފައިވާ މުހިންމު މަސައްކަތްތަކާއެކު ބީއެމްއެލްގެ މަގުސަދަކީ ގާބިލުކަން އިތުރުކޮށް، ދާއިރާގެ އެންމެ ރަނގަޅު އުސޫލުތައް ކުރިއަރުވައި، ދިވެހިރާއްޖޭގެ މާލީ ދާއިރާ އާއި އިގްތިސާދު ތަރައްގީކުރުމުގައި މިހާރު އަދާކުރަމުންދާ ދައުރު އިތުރަށް ފުޅާކުރުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ބޭނުމަކީ އެކައުންޓިންގ އަދި މާލީ ދާއިރާގައި ހުނަރާއި، މައުލޫމާތާއި، އަދި އަހުލާގީ މިންގަނޑުތައް ތަރައްގީކުރުމަށް އެހީތެރިވެދިނުމާއެކު ދެ މުއައްސަސާއަށާއި ދިވެހިރާއްޖޭގެ އިގްތިސާދަށް ދުރު މުސްތަގްބަލަކަށް ފައިދާ ހޯދައިދިނުން ކަމަށް ވެއެވެ.

ބީއެމްއެލް އާއި ސީއޭ ގުޅިގެން ރާއްޖޭގެ އެކައުންޓިން އަދި މާލީ ދާއިރާ ހަރުދަނާ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން

މީގެ އިތުރުން ވެސް ބީއެމްއެލްއިން އަންނަނީ މުޅި ގައުމުގެ ވަކިވަކި ފަރުދުންނާއި، ވިޔަފާރިތަކާއި، މުޖުތަމައުތަކަށް އެހީތެރިވެދިނުމަށް ފަރުމާކުރެވިފައިވާ އެއްބަސްވުންތަކާއި މަޝްރޫއުތައް ހިންގަމުންނެވެ. ފާއިތުވި އަހަރު، ބޭންކް އޮފް މޯލްޑިވްސްއިން ވަނީ މޯލްޑިވްސް އެކައުންޓަންޓްސް ފޯރަމް (އެމްއޭއެފް) ބޭއްވުމަށްޓަކައި ސީއޭ މޯލްޑިވްސްއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ފޯރަމްގެ މަގުސަދަކީ އެ އިންސްޓިޓިއުޓްގެ މެންބަރުންނާއި، ދިވެހިރާއްޖޭގައި އެކައުންޓިން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ތައުލީމާއި ތަމްރީން ފޯރުކޮށްދީ، ރާއްޖޭގެ އެކައުންޓެންސީ ޕްރޮފެޝަން އިތުރަށް ހަރުދަނާކޮށް ކުރިއެރުމަށް މަގުފަހިކޮށްދިނުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.