ދިވެހިރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް ޑޮލަރު ނެގޭ ލިމިޓު 750އަށް ބޮޑުކޮށްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފިއެވެ.
ބީއެމްއެލްގެ ޑެބިޓް ކާޑު ލިމިޓަށް އިއްޔެ ގެނައި ބަދަލާއެކު ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓް 250 ޑޮލަރުން 500 ޑޮލަރަށް ވަނީ ބޮޑު ކޮށްފައެވެ.
އެއާއެކު ޑެބިޓް ކާޑުތައް ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ވެސް ބީއެމްއެލްއިން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ރާއްޖޭ ބޭރުގެ އޭޓީއެމްތަކުން ނެގޭނީ 125 ޑޮލަރު ކަމަށާއި އޭޓީއެމްތަކުން ފައިސާ ނެގުމުން 10 ޑޮލަރުގެ ފީއެއް އިތުރަށް ނަގާނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ބީއެމްއެލްއިން ބުނީ ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް 750 ޑޮލަރު ނަގައި، ޕޭމަންޓް ހެދޭނެ ކަމަށެވެ. އެހެންނަމަވެސް 750 ޑޮލަރު ލިބޭނީ ފޮރިން ލިމިޓް ޕޯޓަލް މެދުވެރިކޮށް ރަޖިސްޓާކުރުމުން ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ބީއެމްއެލްގެ ޑެބިޓް ކާޑު ލިމިޓު 500 ޑޮލަރަށް ބޮޑު ކޮށްފައިވާއިރު، އޮންލައިން ވިޔަފާރިތައް ކަމަށްވާ ޓީމޫ، ޝީއިން، އަލިބާބާ، އަލިއެކްސްޕްރެސް އަދި އީބޭއަށް ފައިސާ ދައްކާއިރު 30 ޕަސެންޓްގެ ފީއެއް ނެގުމަށް ބީއެމްއެލްއިން ވަނީ ނިންމާފައެވެ.