ފުރަތަމަ ކުރި ކިޑްނީ ޓްރާންސްޕްލާންޓަށް 13 އަހަރު ފުރުނު ތަނާހެން، އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދުގެ ކިޑްނީ އަލުން ފެއިލްވެ، އިތުރު ޓްރާންސްޕްލާންޓެއް ކުރަން ޖެހިއްޖެއެވެ.

މުސްތާގުގެ ދެ ކިޑްނީ އެންމެ ފުރަތަމަ ފެއިލްވީ 2010 ވަނަ އަހަރުގައެވެ. އެއަށްފަހު އެއް އަހަރު ދުވަހު ޑައިލިސިސް ހެއްދެވުމަށްފަހު، 2011 ގައި ސްރީ ލަންކާއިން ހެދި ޓްރާންސްޕްލާންޓަށް 13 އަހަރު ވެފައިވަނިކޮށް، އެ ކިޑްނީގެ މަސައްކަތް ބަލިކަށިވާން ފެށުމުން އޭނާ ވަނީ އިތުރު ޓެސްޓުތަކަށް ތައިލެންޑުގެ ބެންކޮކް ހޮސްޕިޓަލަށް ވަޑައިގެންފައެވެ.

ބެންކޮކް ހޮސްޕިޓަލުން ހެދި ޓެސްޓުތަކުން "ރީނަލް ކިޑްނީ ފެއިލިއާ" ކަން ކަށަވަރުވުމާ ގުޅިގެން، ޑޮކްޓަރުންގެ ލަފާގެ މަތިން މުސްތާގު ވަނީ އަލުން ޑައިލިސިސް ހަދަން ފައްޓަވައިފައެވެ. 13 އަހަރަށްފަހު އަލުން މިފަދަ ހާލަތަކާ ކުރިމަތިލާންޖެހުމުން، އޭނާގެ ފުރާނަ ސަލާމަތްކުރެވެން އޮތް ހަމައެކަނި މަގަކީ ވީހާވެސް އަވަހަކަށް ދެވަނަ ޓްރާންސްޕްލާންޓެއް ކުރުން ކަމަށް ޑޮކްޓަރުން ވަނީ އަންގައިފައެވެ.

މިކަމާ ގުޅިގެން މުސްތާގު ވަނީ އާއިލާގެ އެންމެން ވެސް ކިޑްނީ ދިނުމަށް ތައްޔާރަށް ތިބި ނަމަވެސް، ސިއްހީ ތަފާތު ސަބަބުތަކާ ހުރެ އާއިލާގެ ތެރެއިން ޑޯނާއެއް ލިބޭ ގޮތް ނުވެ، އިތުރު ޑޯނާއެއް ހޯދުމުގެ މަސައްކަތް ކުރަން ޖެހިފައިވާކަމަށް ބުނެފައެވެ.

ބަލީގެ ސަބަބުން މުސްތާގުގެ ބަރުދަން ވަނީ އާންމުކޮށް ހުންނަ 59 ކިލޯއިން 44.5 ކިލޯއަށް ވެއްޓިފައެވެ. ސިއްހީ ހާލަތު މުޅިން ދަށަށް ދިއުމުގެ ކުރިން ޓްރާންސްޕްލާންޓް ހެދުމަށް ޑޮކްޓަރުން ވަނީ އިރުޝާދު ދެއްވައިފައެވެ.

ތިން އަންހެން ދަރިންގެ ބައްޕަ، މުސްތާގު ވިދާޅުވީ ވޭތުވެދިޔަ ދެތިން ދުވަހު ހާލަތު ވަރަށް ދަށްވެ ވާހަކަދައްކަންވެސް ދަތިވި ކަމަށާއި، ނަމަވެސް ގިނަ އަދަދެއްގެ ބަޔަކު އޭނާގެ ހާލު ބަލައި ހެޔޮދުއާ ފޮނުވަމުންދާ ކަމަށެވެ. އަދި ބެންކޮކްގައި ފަރުވާ ހޯއްދަވަމުންދާއިރު، ތައިލެންޑުގައި ހުންނަވާ ރާއްޖޭގެ ސަފީރު ފުއާދު ތައުފީގާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުންގެ އެހީތެރިކަން ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

1998 އިން ފެށިގެން ރާއްޖޭގެ ތައުލީމީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރައްވަމުން އަންނަ މުސްތާގަކީ 2005 ގައި އެވިޑް ޓިއުޝަން ސެންޓަރު އުފައްދަވައި، 2013 ގައި އެ ތަން ކޮލެޖަކަށް ބަދަލުކުރެއްވި ބޭފުޅާއެވެ. އަދި އޭނާއަކީ ރާއްޖޭގެ ޕްރައިވެޓް ހަޔާ އެޑިއުކޭޝަން އެސޯސިއޭޝަންގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.