ސްޕެޝަލް އިކޮނޮމިކް ޒޯން ނުވަތަ ދިވެހިރާއްޖޭ ހާއްސަ އިގްތިސާދީ ސަރަހައްދުގައި މިހާތަނަށް 680 މިލިޔަން އެމެރިކާ ޑޮލަރުގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގެ ޔަގީންކަން ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް ކަހަލަ ނާޒުކު ދާއިރާއަކަށް ރާއްޖެ ބަރޯސާވުން ކުޑަކޮށް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ތަކެއް ހަދައި، އާ ދާއިރާތަކުން ބޮޑެތި އިންވެސްޓްމެންޓްތަކެއް ގެނެސް އިގްތިސާދު ފުޅާ ކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ.
ސިންގަޕޫރުގައި ކުރިއަށްދާ ރާއްޖޭގެ ބިޒްނަސް ފޯރަމްގައި ސައީދު ވިދާޅުވީ އެސްއީޒެޑްގައި 1 ބިލިއަން ޑޮލަރުގެ އިންވެސްޓަމަންޓް ގެނައުމަކީ އަމާޒެއްކަމަށެވެ. ރާއްޖޭގެ އިގްތިސާދު ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެނެސް އިގްތިސާދީ ސިންދަފާތުކުރުމަކީ ސަރުކާރުގެ އިގްތިސާދީ އެޖެންޑާގައި މުހިއްމު ސިޔާސަތެއްކަން ފާހަގަކޮށް ސައީދު ވިދާޅުވީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި އެކި މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ހުޅުވާލާފައިވާ ކަމަށެވެ.
މިހާރުވެސް މިސަރަހައްދުގައި އިޔާދަކުރަނިވި ހަކަތައިގެ ބިޔަ މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުއްދަ ދީފައިވާކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ އެސްއީޒެޑްގައި ހުރި ފުރުސަތުތަކާއެކު މިހާތަނަށް 680 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓްގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.
ރާއްޖޭގައި އިންވެސްޓަރުންނަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން ސައީދު ވިދާޅުވީ ސަރުކާރުގެ އެކި ސިޔާސަތުތަކާއެކު އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ އާއި ފަތުރުވެރިކަމާއި، އަދި މިނޫންވެސް މުހިއްމު ދާއިރާތަކުގައި ފަހި ފުރުސަތުތަކެއް އެބަހުރި ކަމަށެވެ. މީގެ އިތުރުން ސައީދު ވަނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ވިޔަފާރިތަކަށް ރައްކާތެރި މާހައުލެއް އޮތްކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.