އަންނަ އޮކްޓޯބަރު މަހު އަމަލުކުރަން ފަށާ އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނުގެ ދަށުން، 20 އަހަރުވެފައިވާ އެއްވެސް އުޅަނދެއް ނައްތާލާނީ ސަރުކާރުން އެއަށް ބަދަލު ދިނުމަށްފަހު ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، އުމުރު ހަމަވާ ވެހިކަލްތަކުގެ ރަޖިސްޓްރީ ބާތިލްކުރާނީ ތާޑް ޕާޓީއަކުން އެސެސްކުރުމަށްފަހު ކަމަށެވެ. އަދި ވެހިކަލެއް މުސްކުޅިކުރަން ޖެހޭ ހާލަތެއް އައިސްގެން އެކަން ހައްލުކުރިޔަސް، އެ އުޅަނދެއްގެ އޭރުގެ އަގު ވަޒަންކޮށް، ބަދަލެއް ދިނުމެއްނެތި ނުވަތަ އެ މީހަކަށް އެހެން ވެހިކަލެއް ލިބޭނެ ގޮތް ހަދައިނުދީ އެކަން ނުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިކަމާ ގުޅޭ ގަވާއިދުތައް އެކުލަވާލާނީ ފުޅާ ދާއިރާއެއްގައި އާންމުންނާއި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު ކަމަށެވެ. އަދި ވެހިކަލްތަކުގެ އުމުރު ކަނޑައެޅުމަކީ މާލޭގެ ޓްރެފިކް މައްސަލައަށް ހައްލު ހޯދުމަށް ކުރާ މަސައްކަތުގެ ކުޑަ ބައެއް ކަމަށާއި، މިކަން ކުރާނީ އެއްވެސް ރައްޔިތަކަށް ތަކުލީފެއް ނުލިބޭނެ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ ގާނޫނުގެ ދަށުން އުޅަނދުތައް ބޭނުންކުރެވޭނީ 20 އަހަރުގެ މުއްދަތަށެވެ. ނަމަވެސް ގާނޫނަށް އަމަލުކުރަން ފަށާއިރު 18 އަހަރާއި 20 އަހަރާ ދެމެދުގެ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރާނީ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 އަހަރުދުވަސް ހަމަވުމުންނެވެ.

އެދިގެން ގިނަދުވަސްވީ ވެހިކަލްތައް ސަރުކާރުން ނައްތާލެވޭނެ ގޮތެއް އޮތުން މުހިއްމު. އެހެން ނޫނިއްޔާ މަގުތައް ފުރާލާނީ ބައު ވެހިކަލްތަކުން.
މިއީ ކޮންމެވެސް ސަބަބަކާ ހުރެ މިހާތަނަށް އެއްވެސް ސަރުކާރަކަށް ކުރަން ނުކެރުނު ކަމެއް. މީގެ ސަބަބުން މަގުތައް އަމާން ވެގެން ދިޔުމުގެ ފުރުސަތު ބޮޑު.