ގަވާއިދާ ހިލާފަށް ހިންގާ ޑޮލަރުގެ ކަޅުބާޒާރު ހުއްޓުވުމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު، ބާޒާރުގައި ޑޮލަރުގެ އަގު ވަރަށް ބޮޑަށް ތިރިވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބްލެކް މާކެޓްގަ އާޓިފިޝަލީ މެނިޕިއުލޭޓްކޮށްފައި ޑޮލަރު ވިއްކުމުގެ ނުރައްކާތެރި މައްސަލައަކީ މީގެ ކުރިންވެސް ހައްލު ނުވެ އޮތް މައްސަލައެއްކަމަށެވެ. އަދި މިކަން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ވާހަކަ މީގެ ކުރިންވެސް ފާހަގަކޮށްފައިވާނެކަމަށް ސައީދު ވިދާޅުވިއެވެ.

އެގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރަސްމީ ރޭޓަށް ވުރެ މާ މަތީ އަގުތަކެއްގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް ސަރުކާރުން ކުރި މަސައްކަތްތަކުގެ ކާމިޔާބީ މިހާރު ފެންނަމުންދާ ކަމަށެވެ. އަދި މި ބަދަލާއެކު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މި ސަރުކާރުން ވެރިކަމާ ހަވާލުވި ދުވަސްވަރު ޑޮލަރުގެ އަގު ހުރި މިންވަރަށް ރޭޓު ތިރިކުރެވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން ޑޮލަރުގެ އަގު އިންތިހާއަށް އުފުލެމުން ގޮސް މިފަހުން 23 ރުފިޔާއަށް ވުރެ މައްޗަށް އެރުމާ ގުޅިގެން އާންމުންނާއި ވިޔަފާރިވެރިންގެ ކަންބޮޑުވުން ވަރަށް ބޮޑުވިއެވެ. މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން ހާއްސަ ޓާސްކްފޯހެއް އެކުލަވާލައި، ޑޮލަރު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފެށިއެވެ.

"ސަރުކާރު ހަވާލުވިއިރު ހުރި ރޭޓަށް ވުރެ ދަށަށް ގޮސްވާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ. މާނައަކީ ކުރީގެ ނިމިދިޔަ ސަރުކާރުން އަޅުގަނޑުމެން ސަރުކާރު، އެއީ 17 ނޮވެމްބަރު 2023 އައި އިރުގަ ހުރި ރޭޓު، ސްލައިޓްލީ އެ ބޭންޑުގަ އުޅޭ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ، މިއީ ވަރަށް ބޮޑު ކުރިއެރުމެއް"
ސައީދު

މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރުގެ އެ ފިޔަވަޅުތަކާއެކު މިހާރު ކަޅުބާޒާރުގައި ޑޮލަރުގެ ރޭޓު ވަނީ މި ސަރުކާރުން ހަވާލުވިއިރު ހުރި ރޭޓަށް ވުރެއް ވެސް ދަށަށް ތިރިކުރެވިފައެވެ. މިއީ ރާއްޖޭގެ މާލީ ހަމަޖެހުމަށާއި އިގުތިސާދީ ދުޅަހެޔޮކަމަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.