'މައްކާ ރޫޓް އިނީޝިއޭޓިވް' ގައި، ދިވެހި ރާއްޖެ ހިމެނުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމައިފިއެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓްގައި ތިބެ ނިންމައިގެން ފުރުމެވެ.

އެއާއެކު ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ހޮޓަލަށް ދެވޭނެއެވެ. އަދި ހައްޖުވެރިންގެ ލަގެޖްތައް ވެސް ގެންދެވޭނީ ސީދާ ހޮޓަލަށް ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިއީ ރާއްޖޭގެ ހައްޖުވެރިންނަށް ލިބިގެންދިޔަ ތާރީހީ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. އަދި ހަމައެހެންމެ ސައުދީން އެ ފުރުސަތު މިހާތަނަށް ދީފައިވަނީ މެލޭޝިއާ، އިންޑޮނޭޝިޔާ، ޕާކިސްތާނު ފަދަ ހައްޖުވެރިން އެންމެ ގިނަ ގައުމުތަކަށް ކަމަށް ވިދާޅުވިއެވެ. ރާއްޖެއަށް މި ފުރުސަތު ލިބިގެން ދިޔުމަކީ ސައޫދީ އަރަބިއްޔާއިން ރާއްޖޭގެ ރައްޔިތުންނާމެދު ދެކޭ އަހްވަންތަ ގާތްކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.

"މި ފުރުސަތުގައި ސައުދީ އަރަބިއްޔާގެ އިއްޒަތްތެރި ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލްސައޫދަށާއި ވަލީ އަހުދު ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާނަށް އިހުލާސްތެރި ޝުކުރު އަރިސްކުރަން. އަދި ސަައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓަރު ޑރ. ތައުފީގު ރަބީޢާއާއި އިންޓީރިއާ މިނިސްޓަރު ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޢަބްދުލްއަަޒީޒް ބިން ސުއޫދު އާލްސައޫދަށް ވެސް ޝުކުރު އަރިސްކުރަން. މިކަން ފުރިހަމަކުރުމަށް ޓަކައި އިސްލާމިކް މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތްތަކުގައި އެހީތެރިކަން ދެއްވަމުން ގެންދަވާކަމަށް ޓަކައި ރާއްޖޭގައި ހުންނަ ސަޢޫދީ އަރަބިއްޔާގެ އެމްބަސީއަށާއި ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީއަށް ވެސް ޝުކުރު ދަންނަވަން."
ޝަހީމް

ރާއްޖޭގެ ހައްޖާއި އުމްރާގެ ނިޒާމް ހަރުދަނާކޮށް ރައްޔިތުންނަށް ލުއި ފަސޭހަކަން ހޯދުމަށް ޓަކައި ރައީސް ޑރ މުހައްމަދު މުއުއްޒުގެ އިރުޝާދުގެ ދަށުން އިސްލާމިކް މިނިސްޓްރީން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މައްކާ ރޫޓް އިނީޓިއޭޓިވް ހަމަޖެހުމުން ލުއިފަސޭހަކަމާއެކު ހަމަޖެހިގެންދާނެ ހިދުމަތްތައް:

  • ހައްޖު ވެރިންގެ ބައޯމެޓްރިކް ޑޭޓާ އެއްކުރެވި، އިލެކްޓްރޯނިކް ހައްޖު ވިސާ ލިބޭނެގޮތް މެގުފަހިވެ، ހައްޖުވެރިންގެ ސިއްހީ ނިޒާމާއި، ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަން ކަށަވަރުވުން.
  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި، ހައްޖުވެރިން ފުރުމަށްދާ ޓާމިނަލްގައި ފޮށިތަކުގައި ޓެގު ޖަހައި، ހައްޖާޖީންގެ ނަމުގައި ފޮށިތައް ރެޖިސްޓާ ކުރެވި، ބޯޑިން ޕާސް ވަގުތުން ލިބޭނެގޮތް މެގުފަހިވުން.
  • މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން އެއާޕޯޓުގައި މިކަމަށް ހާއްސަކޮށް ކަނޑައަޅާފައިވާ ޓާމިނަލްގެ ޕާސްޕޯޓްސް ޓީމު މެދުވެރިކޮށް، ކިންގްޑަމް އޮފް ސައުދީ އަރަބިއްޔާއަށް އެތެރެވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން ނިންމާ، ޖިއްދާ އަދި މަދީނާއަށް ދިޔުމަށް ފުރާ ޓާމިނަލްއަށް ވަގުތުން ގޮސް، މަޑުނުކޮށް ބޯޓަށް އެރޭނެ ނިޒާމް ގާއިމުވުން.
  • މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ކިންގޑަމް އޮފް ސައުދީ އަރަބިއްޔާ އެއަރޕޯޓުގައި ހައްޖުވެރިންނަށް ކަނޑައަޅާފައިވާ ޓާމިނަލްއަށް އައުމާއެކު، ހައްޖުވެރިންނަށް ހަމަޖައްސާފައިވާ ހޮޓަލަށް ވަގުތުން ދެވޭނެ އިންތިޒާމް ހަމަޖެހުން.
  • ހައްޖުވެރިންގެ ފޮށިތައް އެއަޕޯޓުން ލިބެންދެން އަރައިވަލް ޓަރމިނަލްގައި ހައްޖުވެރިން މަޑު ކުރުމަކާ ނުލައި، ފޮށިތައް ހައްޖުވެރިން ތިބޭ ހޮޓަލަށް މި އިނީޝިއޭޓިވްގެ ދަށުން ސީދާ ރައްދުކޮށްދިނުން.

މައްކާ ރޫޓް އިނީޝިއޭޓިވްއަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން އެ ގައުމުގެ ހައްޖު މިނިސްޓްރީއާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސައުދީ ވިޝަން 2030 ގައި ހިމެނޭ އިނީޝިއޭޓިވް އެކެވެ. މި މަޝްރޫއުގެ މަގުސަދަކީ ހައްޖުވެރިންނަށް ލުއި ފަސޭހަކޮށް ދިނުން ކަމަށް އިސްލާމިން މިނިސްޓްރީން ބުނެއެވެ.