ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބީއެމްއެލް އިން ބުނީ މި ފަންޑުގެ ދަށުން ތައުލީމާއި، ތިމާވެއްޓާއި، ކުޅިވަރުގެ އިތުރުން މުޖުތަމައު ބާރުވެރިކުރުމަށް ޖުމުލަ 5 ޕްރޮޖެކްޓެއް ހޮވާނެ ކަމަށާއި، އޭގެ ތެރެއިން ކޮންމެ ޕްރޮޖެކްޓަކަށް 200،000ރ ގެ ހިލޭ އެހީ ދޭނެ ކަމަށެވެ. އެގޮތުން ހުށަހަޅާ ޕްރޮޖެކްޓްތަކަކީ ސަސްޓެއިނަބަލް އަދި މުޖްތަަމައަށް ފައިދާ ކުރާ ކަމެއް ހިމެނޭ ޕްރޮޖެކްޓަކަށް ވާންވާނެ ކަމަށްވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ 16:00 އަށް ކަމަށެވެ. އަދި ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރާނީ ބޭންކުން ކަނޑައަޅާއި ކޮމިޓީއަކުން ކަމަށާއި، ޝޯޓްލިސްޓު ކުރެވޭ ޕްރޮޕޯސަލްތަކުގެ ތަފްސީލު ދިނުމަށް ޕްރެޒެންޓޭޝަނެއް ހުށަހެޅުމުގެ ފުރުސަތު ދެވޭނެ ކަމަށްވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބީއެމްއެލް އިން ބުނީ ގަވަމެންޓުގެ އިތުރުން ނޮން ގަވަމެންޓު އޯގަނައިޒޭޝަންތަކަށްވެސް މި ޕްރޮޕޯސަލަށް އެދި ހުށަހެޅޭނެ ކަމަށެވެ. މި ފަންޑަށް އެދި ހުށަހަޅަން ޖެހޭނީ އީމެއިލް މެދުވެރިކޮށް ކަމަށްވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިހާތަނަށް ބޭންކު ފަންޑުގެ ދަށުން 100 ޕްރޮޖެކްޓެއް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފައެވެ.