މަރުގެ ހުކުމް ތަންފީޒުކުރުމަށް ބޭނުންވާ ކޮށްޓާއި އިންޖެކްޝަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހޯދި ނަމަވެސް، އެ ސަރުކާރުގައި މަރުގެ ހުކުމް ތަންފީޒު ނުކުރެވުނީ ޔާމީންގެ ފިނޑިކަމުން ކަމަށް ވެރިކަންކުރާ ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ ޕީއެންސީގެ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ބިލަށް ބަހުސް ކުރައްވަމުންނެވެ.
ޝުޖާއު ވިދާޅުވީ ޒުވާނުން ބަދަލު ހިފުމުގެ ރޫހުގައި އެކަކު އަނެކަކު ގަޔަށް ވަޅިޖަހައި ގައުމުގެ އަމަންއަމާންކަން ގެއްލިގެން ދިޔައީ މާތް ﷲ އެންގެވި ގޮތަށް އަމަލުތައް ނުބެހެއްޓުމުންނާއި ގައުމުގެ ވެރިން ވެސް ފިނޑިވުމުން ކަމަށެވެ. އަދި ޔާމީންގެ ވެރިކަމުގައި ވެސް ކަން ހިނގީ އެގޮތަށް ކަމަށް އޭރު ވެސް މަޖިލިސް މެންބަރަކަށް ހުންނެވި ޝުޖާއު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންނަށް އަޑުއިވިގެން ދިޔައީ މަރުގެ ހުކުމް ތަންފީޒުކުރާ ކޮށިގަނޑު ވެސް ހެދިއްޖެ، އިންޖެކްޝަން ވެސް ހުރީ ގެނެވިފައޭ، އެކަމަކު ތަންފީޒެއް ނުކުރެވެއޭ، ފިނޑީ އިއްޒަތްތެރި ރައީސް، ވެރިން ފިނޑީ،" ޝުޖާއު ވިދާޅުވިއެވެ.
އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް މަރުގެ ހުކުމް ތަންފީޒުކުރާނަމަ މުޖުތަމައު އަމާންވެގެންދާނެ ކަމަށާއި، މި ސަރުކާރުން މި ބިލު ހުށަހެޅީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެ ހިތްވަރާއި ކެރުންތެރިކަން ހުންނެވުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސް މުއިއްޒު ވެސް މިކަން ތަންފީޒު ނުކުރައްވައިފިނަމަ ވެވަޑައިގަންނަވާނީ ފިނޑި ވެރިޔަކަށް ކަމަށް ޝުޖާއު ވިދާޅުވިއެވެ.
މި ބިލަށް ބަހުސްކުރައްވަމުން އިދިކޮޅު މެންބަރުންގެ ފަރާތުން ކަންބޮޑުވުންތަކެއް ވަނީ ފާޅުކޮށްފައެވެ. އެގޮތުން ދެކުނު މަހާޗަންގޮޅި ދާއިރާގެ މެންބަރު އަހުމަދު އާމިރު (ކުޑޫ) ވިދާޅުވީ، ރާއްޖޭގައި މިސްކިތް އިމާރާތްކުރުމުން ފެށިގެން ހައްޖު ކޯޓާއާ ހަމައަށް ވެސް އޮޅުވައިލުމާއި ކޮރަޕްޝަން އޮތްއިރު "ދަން ޖައްސާ ވާގަނޑު ގަންނަން ވެސް ކޮރަޕްޝަން އޮންނާނެ" ކަމަށެވެ. އަދި ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި ބޮޑެތި މައްސަލަތަކެއް ހުރުމުން، މި ބިލުގެ ސަބަބުން މީހުން ފްރޭމްކޮށްގެން މަރާ ހިސާބަށް ހިނގައިދާނެތީ ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ބިލުގައި ހިމެނޭ މުހިންމު ކަންކަމަށް ބަލާލާ އިރު މަރުގެ އަދަބު ކަނޑައަޅަންވާނީ މިނިވަން މުސްތަގިއްލު ކޯޓެއްގައި އާންމުކޮށް ހުޅުވާލައިގެން ބާއްވާ އަޑުއެހުމެއްގައެވެ. އަދި ދަށު ކޯޓަކުން މިފަދަ ހުކުމެއް ކޮށްފިނަމަ މަތީ ކޯޓުތަކުން އެ މައްސަލަ ބަލަންވާނެއެވެ. ސުޕްރީމް ކޯޓުން އަދަބު ކަނޑައެޅުމުގެ ކުރިން ޝަރީއަތް ހިނގި ގޮތް ބަލަން ލާޒިމްވާނެއެވެ.
ހަމައެއާއެކު މަރުގެ އަދަބު ކަނޑައެޅޭނީ މަރައިލި މީހާގެ ހުރިހާ ވާރިސުން އެކަމަށް ކޯޓުގައި އެއްބަސްވާނަމައެވެ. އަދި މަރުގެ އަދަބު ތަންފީޒުކުރާނީ ދަންޖައްސައިގެން ކަމަށް އެ ބިލުގައި ބަޔާންކޮށްފައި ވެއެވެ. އެ މަންޒަރު އާންމުންނަށް ފެންނާނެހެން ތަންފީޒުކުރުމާއި، އަޑާއި މަންޒަރު ރެކޯޑުކޮށް އާންމުކުރުން މި ބިލުން މަނާކުރެއެވެ.
މީގެއިތުރުން ކުށްވެރިޔާ ބަލިވެ އިނދެއްޖެނަމަ ވިހައި، ދަރިފުޅަށް ދެ އަހަރު ވަންދެން ހުކުމް ތަންފީޒުކުރުން ފަސްކުރެވޭނެ ކަމަށް އެބިލުގައި ވެއެވެ. އަދި ސިއްހީ ހާލަތު ދަށްވުމާއި، އަދަބު މުރާޖައާކުރުމަށް ހުށަހަޅާފައިވާ ހާލަތްތަކުގައި ވެސް ފަސްކުރެވޭނެއެވެ.
އަދަބު ތަންފީޒުކުރުމަށްޓަކައި ކަރެކްޝަންސް، ފުލުހުން، ޕީޖީ، ރައްޔިތުންގެ މަޖިލިސް، މެޑިކަލް ކައުންސިލްގެ ޑޮކްޓަރެއް، ސުޕްރީމް ކޯޓު އަދި ފަތުވާ މަޖިލީހުގެ ދީނީ އިލްމުވެރިއަކު ހިމެނޭހެން 7 މެންބަރުންގެ ޕެނަލެއް އެކުލަވާލަންޖެހެއެވެ.
މަރުގެ އަދަބު ތަންފީޒުކުރުމުގެ 72 ގަޑިއިރު ކުރިން ކުށްވެރިޔާއަށާއި އޭނާގެ އާއިލާއަށް، ގާނޫނީ ވަކީލަށް، ކަރެކްޝަންސްއަށް އަދި ވާރިސުންނަށް އެކަން އަންގަންވާނެ ކަމަށް ވެސް އެ ބިލުގައި ވެއެވެ.
