އެމެރިކާގައި މަރުގެ އަދަބު ދިނުމަށް ހުކުމްކޮށްފައިވާ ކްރިސްޓާ ޕައިކްއަށް ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދޭން އުޅުމުގެ ތެރޭގައި އެކަން ނާކާމިޔާބުވިތާ 10 ދުވަސް ފަހުން، ހޮސްޕިޓަލުން ދޫކޮށްލައި އަނބުރާ ޖަލަށް ފޮނުވާލައިފިއެވެ.

އުމުރުން 50 އަހަރުގެ ޕައިކްގެ ވަކީލުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ވޭތުވެދިޔަ 30 އަހަރު އޭނާ ހޭދަކުރި ޖަލަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. އަދި އެތަނުގައި އޭނާއަށް އިތުރު ފަރުވާ ދެމުންދާ ކަމަށް ވަކީލުން ބުންޏެވެ. މިދިޔަ ސެޕްޓެންބަރު މަހުގެ 30 ވަނަ ދުވަހު ޕެންޓޯބާބިޓޯލް ނަމަކަށް ކިޔާ ޑްރަގްގެ ދެ އިންޖެކްޝަން އޭނާއަށް ދިން ނަމަވެސް އޭނާ މަރުވެފައެއް ނުވެއެވެ. އެހެންނަމަވެސް އޭނާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ.

ޕައިކް ހޭނެތިފައި އޮތް ދުވަސްތަކުގައި އޭނާގެ ސިކުނޑި މަރުވެފައިވާ ކަމަށް ވަކީލުންނަށް ގަބޫލުކުރެވުނު ކަމަށާއި، ކޮންމެ ވަގުތަކު ވެސް ލައިފް ސަޕޯޓް ނަގާފާނެ ކަމަށް ބެލެވުނު ކަމަށް ވަކީލުން ބުނެފައިވެއެވެ. ނަމަވެސް އަންގާރަ ދުވަހު އޭނާ ހޭއަރައި ވާހަކަދައްކަން ފެށި ކަމަށް އޭނާގެ ވަކީލު ރޭންޑީ ސްޕައިވީ ބުންޏެވެ. ސްޕައިވީ ބުނި ގޮތުގައި ޕައިކް ހޭއަރައި އެންމެ ފުރަތަމަ ވެސް އެހީ އޭނާއަށް އޮވެވުނީ ކޮން ތާކުތޯއާއި އެތަނުގައި ތިބީ ކޮން ބައެއްތޯއެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަކީލުން ބުނީ ޕައިކް އޮތީ އެނދުގައި ބަނދެފައި ކަމަށާއި، އޭނާއަށް ނިއުމޯނިއާ ޖެހިފައިވުމުގެ އިތުރުން އަތް ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށެވެ. އަދި އެއްޗެހި ދިރުވަން ވެސް އޭނާއަށް އުނދަގޫ ކަމަށް ވަކީލުން ފާހަގަކުރިއެވެ. ޕައިކްގެ ނަފްސާނީ ހާލަތަށް އަންނާނެ ބަދަލެއް އަދި ނޭނގޭ ކަމަށާއި، އޭނާ އޮތީ ރުޅިއައިސްފައި އަދި ވާނުވާ ނޭނގޭ ހާލަތެއްގައި ކަމަށް ސްޕައިވީ ބުންޏެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދޭން އުޅުމުގެ ތެރޭގައި ސަލާމަތްވި ހަމައެކަނި މީހަކީ ޕައިކް ކަމަށް ބެލެވޭއިރު، ޓެނެސީ ޑިޕާޓްމަންޓް އޮފް ކަރެކްޝަނުން މިކަން ނާކާމިޔާބުވި ސަބަބު އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެ އިދާރާއިން ވަނީ އެކަމުގައި ބޭނުންކުރި އުސޫލު ދިފާއުކޮށްފައެވެ. ބުދަ ދުވަހު އޮތް ޝަރީއަތުގެ މަޖިލީހެއްގައި ޓެނެސީގެ އެސިސްޓެންޓް އެޓާނީ ޖެނެރަލް ވިލް އޭޔާސް ފަނޑިޔާރަށް ދެންނެވީ، އަލުން ޕައިކްއަށް މަރުގެ އަދަބު ދޭން މަސައްކަތްކުރާނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގޭ ކަމަށެވެ.

މި މައްސަލައިގައި ފަނޑިޔާރު ވަނީ ނާކާމިޔާބުވި އިންޖެކްޝަންތަކާ ގުޅޭ ހުރިހާ ހެއްކެއް ރައްކާތެރިކުރުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްފައެވެ. މިއީ ކުރިއަށް އޮތް ތަނުގައި ދައުލަތާ ދެކޮޅަށް ދައުވާކުރުމަށް މަގުފަހިވެދާނެ ކަމެއް ކަމަށް ވަކީލުން ފާހަގަކުރެއެވެ. މަރުގެ އަދަބު ދިނުން ނާކާމިޔާބުވުމާ ގުޅިގެން، ޕައިކްގެ ވަކީލުން އަންނަނީ އޭނާގެ ހުކުމް އުމުރުދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށްދިނުމަށް އަލުން ގޮވާލަމުންނެވެ.

ޕައިކްއަށް މަރުގެ އަދަބު ދޭން ހުކުމްކުރީ އޭނާގެ އުމުރުން 18 އަހަރުގައި އޭރުގެ ލޯބިވެރިޔާ ޓަޑަރީލް ޝިޕްއާ ގުޅިގެން 19 އަހަރުގެ ކޮލީން ސްލެމަރަށް އަނިޔާކޮށް މަރާލި މައްސަލައިގައެވެ. މި ކުށުގައި ބައިވެރިވި ޝިޕްއަށް މަރުގެ އަދަބު ނުދީ ސަލާމަތްވީ ކުށް ކުރިއިރު އޭނާއަކީ ގާނޫނީ ގޮތުން ކުޑަކުއްޖަކަށް ވުމުންނެވެ. އޭނާ އަދިވެސް ހުރީ ޖަލުގައެވެ. ޕައިކްއަކީ ވޭތުވެދިޔަ 200 އަށް ވުރެ ގިނަ އަހަރުގެ ތެރޭގައި ޓެނެސީ ސްޓޭޓްގައި މަރުގެ އަދަބު ދޭން ތާވަލުކުރި ފުރަތަމަ އަންހެނާއެވެ. އޭނާއަށް މަރުގެ އަދަބު ދިނުން ހުއްޓުވުމަށް އެމެރިކާގެ ސުޕްރީމް ކޯޓަށާއި ޓެނެސީގެ ގަވަރުނަރު ބިލް ލީއަށް ހުށަހެޅި ނަމަވެސް، އެ ފަރާތްތަކުން ވަނީ އެކަމަށް ދެކޮޅުހަދާފައެވެ.