ގޫގުލް ޕިކްސެލް ސްމާޓްފޯނުތަކަށް 5ޖީގެ ހިދުމަތް އުރީދޫ މެދުވެރިކޮށް ފޯރުކޮށްދޭން ފަށައިފިއެވެ.
އުރީދޫއިން ބުނީ މިއާއެކު ޕިކްސެލް ބޭނުންކުރާ ފަރާތްތަކަށް އުރީދޫގެ 5ޖީ ނެޓްވޯކް މެދުވެރިކޮށް ހަލުވި އިންޓަނެޓް ސްޕީޑާއެކު އިތުރަށް ފުރިހަމަވެފައިވާ މޮބައިލް ތަޖުރިބާއެއް ލިބިގެންދާނެކަމަށެވެ.
އުރީދޫއިން ބުނީ ނޮވެންބަރު މަހުގެ އަޕްޑޭޓާއެކު، ގޫގުލްގެ އެންމެ ފަހުގެ ސޮފްޓްވެއާ އަޕްޑޭޓަށްފަހު އުރީދޫ ނެޓްވޯކްގައި ގޫގުލް ޕިކްސެލް ބޭނުންކުރާ ފަރާތްތަކަށް މިހާރު 5ޖީގެ ހިދުމަތް ލިބޭނެކަމަށާއި، މީގެ އިތުރުން މި އަޕްޑޭޓާއެކު ވޮއިސް އޯވާ އެލްޓީއީ (ވީއޯއެލްޓީއީ) ވެސް ބޭނުންކުރެވޭނެކަމަށެވެ. މިއާއެކު 4ޖީ ނެޓްވޯކް މެދުވެރިކޮށް ކަސްޓަމަރުންނަށް އިތުރަށް ސާފުކޮށް ފޯނު ކޯލުތައް ކުރެވޭނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
މި އާ އަޕްޑޭޓުން ގޫގުލް ޕިކްސެލްގެ ގިނަ ސްމާޓްފޯނުތަކަކަށް މި ހިދުމަތް ސަޕޯޓްކުރާކަން ފާހަގަކޮށް އުރީދޫއިން ބުނީ އޭގެ ތެރޭގައި ޕިކްސެލް 7، ޕިކްސެލް 8، ޕިކްސެލް 9، ޕިކްސެލް 10 އަދި ޕިކްސެލް 11 ސީރީޒްގެ އިތުރުން ޕިކްސެލް ފޯލްޑް ޑިވައިސްތަކާއި، މި ހިދުމަތް ސަޕޯޓްކުރާ އޭ-ސީރީޒް އަދި ޕްރޯ ފޯލްޑް މޮޑެލްތައް ހިމެނޭކަމަށެވެ.
މި ހިދުމަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، ގޫގުލް ޕިކްސެލް ޑިވައިސްތަކަށް 5ޖީ ލިބުމަކީ ކަސްޓަމަރުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެދެމުންދިޔަ ކަމެއްކަމަށާއި އަދި އެންމެ ފަހުން އެކަން ހަގީގަތަކަށް ހަދައިދެވުމަކީ ލިބޭ ބޮޑު އުފަލެއްކަމަށެވެ.
އުރީދޫއިން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ކަސްޓަމަރުންގެ އަޑުއަހާ، ކަސްޓަމަރުންނަށް އެންމެ މުހިންމު ކަންކަން ފަހިކޮށްދިނުންކަމަށް ނިޔާޒް ވަނީ ވިދާޅުވެފައެވެ.
މި ހިދުމަތް ސަޕޯޓްކުރާ ގޫގުލް ޕިކްސެލް ސްމާޓްފޯނުތައް ގެންގުޅޭ ކަސްޓަމަރުންނަށް ފޯނުގެ ސޮފްޓްވެއާ އެންމެ ފަހުގެ ވާޝަނަށް އަޕްޑޭޓްކޮށްލުމަށްފަހު މޮބައިލް ނެޓްވޯކް ސެޓިންގްސްއިން 5ޖީ އެނޭބަލްކޮށްލައިގެން ފަސޭހަކަމާއެކު 5ޖީ ބޭނުންކުރަން ފެށޭނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
މީގެއިތުރުން އުރީދޫގެ 5ޖީ ނެޓްވޯކް ކަވަރޭޖް ލިބޭ ހުރިހާ ސަރަހައްދަކުންވެސް 5ޖީ ކަނެކްޓިވިޓީ ލިބޭނެކަން ފާހަގަކޮށް އުރީދޫއިން ބުނީ މި ކާމިޔާބީގެ ސަބަބުން އެންމެ ފަހުގެ ޓެކްނޮލޮޖީ ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށާއި، މުޅި ރާއްޖޭގައި ޒަމާނީ މޮބައިލް ކަނެކްޓިވިޓީ ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެން ގޮސްފައިވާކަމަށެވެ.
