ކ. ކާށިދޫގައި، މީގެ 14 އަހަރު ކުރިން ފުލުހުންގެ ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރި މުހައްމަދު ސަމާހުގެ މައްސަލަ ދެވަނަ ފަހަރަށް ކްރިމިނަލް ކޯޓުން ބެލުމަށް ފަހު އަނެއްކާވެސް އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ޖުލައި 23، 2012 ގައި އާދަމް ހަލީމް މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުން 2013 ގައި ސަމާހުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި މެރުމަށް ހުކުމް ކުރިއެވެ. ސަމާހުގެ ފަރާތުން 2020 ވަނަ އަހަރު ހައިކޯޓުގައި އެ ހުކުމް އިސްތިއުނާފު ކުރުމުން ހައިކޯޓުން ވެސް ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ދަމަހައްޓައިފައެވެ.

އެ މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން މިދިޔަ އަހަރު އަންގާފައިވަނީ ސަމާހުވެފައިވާ އިއުތިރާފަށް އެކަނި ބިނާކޮށް ކުށް ސާބިތު ނުކުރެވޭތީ، އިތުރު ހެކިތަކެއް ހުރިތޯ ބެލުމަށް ފަހު އެކަމާ މެދު ގޮތެއް ނިންމުމަށެވެ.

އެ މައްސަލަ އަލުން ބެލުމަށް ފަހު، ސަމާހުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ މިދިޔަ އާދިއްތަ ދުވަހުއެވެ. އޭނާގެ މައްޗަށް އަދަބު ކަނޑައެޅުން އޮންނާނީ މިއަދު ކަމަށް އޭރު ވަނީ ކަނޑައަޅާފައެވެ. އަދި މިއަދު ކޯޓުން ވަނީ ސަމާހު މަރަން ހުކުމްކޮށްފައެވެ.

ކްރިމިނަލް ކޯޓުން ބުނީ، ޙަލީމަށް ސަމާޙް ހަމަލާދިނީ ޙަލީމް މަރާލުމުގެ ގަސްދުގައިކަން، މައްސަލައިގައި ހުށަހެޅި ހެކިތަކުން އެއްވެސް ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ސާބިތުވެފައިވާ ކަމަށެވެ. އަދި ޙަލީމްގެ ވާރިޘުން އެދޭ ގޮތަކީ ޙަލީމްގެ ކިބައިން ޤިޞާޞް ހިފުންކަމަށް ޝަރީއަތުގައި ބުނެފައިވާ ކަމަށް، ކްރިމިނަލް ކޯޓުން ބުންޏެވެ.

އެހެންވެ، އެ ކުށުގެ އަދަބެއްގެ ގޮތުން، އިސްލާމީ ޝަރީއަތުގައިވާ އުސޫލުތަކާ އެއްގޮތަށް ސަމާޙް މެރުމަށް ދައުލަތުގެ ކަމާބޭހޭ ފަރާތްތަކަށް އަންގައި އެގޮތުގެ މަތިން ހުކުމްކޮށްފައިވާ ކަމަށް، ކޯޓުން ބުންޏެވެ.

ސަމާހު މަރަން ހުކުމްކުރި ނަމަވެސް އެ ހުކުމް ތަންފީޒު ކުރެވޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިިމި، ސުޕްރީމް ކޯޓުން އެ ހުކުމް ދަމަހައްޓައިފި ނަމަ އެވެ.