ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑު މާދަމާ ތޫފާނަކަށް ބަދަލުވެ އިތުރަށް ބާރުގަދަވި ނަމަވެސް، އެ ތޫފާން ދަތުރުކުރަމުންދަނީ ރާއްޖެއާ ދުރަށް ކަމަށްވާތީ ރާއްޖެއަށް އޭގެ ސީދާ އަސަރެއް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.
މެޓް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ތޫފާން ރާއްޖެއާ ދުރަށް ދަތުރުކުރާތީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވާރޭވެހުން މަދުވާނެއެވެ. އެހެންނަމަވެސް، ތޫފާނުގެ ބާރުގަދަވުމާ ގުޅިގެން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް އާދައިގެ ގޮތަކަށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓު އޮފީހުން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ހުޅަނގާއި ހުޅަނގުއުތުރުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ
އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާކުރެވޭއިރު، މެދުރާއްޖެތެރެ އާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ. އަދި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެއެވެ. އުތުރުގެ އަތޮޅުތަކުގައި 1 ފޫޓާއި 3 ފޫޓާ ދެމެދުގައި ރާޅު ހުންނާނެ ކަމަށް ލަފާކުރެވޭއިރު، މެދުރާއްޖެތެރެ އާއި ދެކުނުގައި 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ރާޅު އުސްމިން ހުންނާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
