ޅ. ނައިފަރު އުތުރު ފަރާތު ފަޅުތެރޭގައި އޮތް ދޯންޏެއް ދިޔަވަމުން ދަނިކޮށް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ނައިފަރު ފަޔާ ސްޓޭޝަނުގެ ސިފައިން ހަރަކާތްތެރިވެ އެ ދޯނިން ފެން ހިއްކުމުގައި އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފްއިން ބުނި ގޮތުގައި މި ހާދިސާގެ މައުލޫމާތު ނައިފަރު ފަޔާ ސްޓޭޝަނަށް ލިބިފައި ވަނީ ރޭ ފަތިހު 04:18 ހާއިރުއެވެ.

ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން ނައިފަރު ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށައިފައެވެ. އެގޮތުން ސަބްމާސިބަލް ޕަންޕެއް ބޭނުންކޮށްގެން ދޯނީގައި ހުރި ފެން ވަނީ އެއްކޮށް ހިއްކައިދީފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ.