ހެވީ ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެގި ލޯނަކަށް ފައިސާ ނުދައްކައިގެން، އެ ލޯނުގެ ރަހުނެއްގެ ގޮތުގައި ބަހައްޓާފައިވާ ލ. ފަރެސް އަދި ކުޑަފަރެސްގައި ހިންގަމުން އަންނަ ޓޫރިސްޓް ރިސޯޓު (ރަހާ ރިސޯޓު) ނީލަމުގައި ވިއްކާލަން އެ ބޭންކުން އިއުލާނުކޮށްފިއެވެ.
މި ދެ ރަށް ނީލަމުގައި ވިއްކާލަން ހުޅުވާލާފައިވަނީ މަދުވެގެން 45,633,000 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 703.6 މިލިއަން ދިވެހި ރުފިޔާ) އަށެވެ. ބީއެމްއެލުން މިއަދު ނެރުނު އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ރަށްތައް ވިއްކާލަނީ ސިވިލް ކޯޓުން 2 ނޮވެމްބަރު 2026 ގައި ނެރުނު ހުކުމާ ގުޅިގެން ރަހުނު ވިއްކާލައިގެން ބޭންކަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ ހުއްދަ ލިބުމާ ގުޅިގެންނެވެ.
ހެވީ ލޯޑް ކުންފުންޏަށް ބީއެމްއެލުން ފެސިލިޓީ ދޫކޮށްފައިވަނީ 18 ޑިސެމްބަރު 2016 ގައި ސޮއިކުރި އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އޭގެ ފަހުން 22 އޮގަސްޓް 2017 ގައި ވަނީ އެ އެއްބަސްވުމަށް ބަދަލުތަކެއް ގެނެސްފައެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ، އެ މައްސަލަ ކޯޓަށް ހުށަހެޅުމުން ވަނީ ރަހުނު ވިއްކާލުމުގެ އަމުރެއް ނެރެދީފައެވެ. ނީލަމަށް ހުޅުވާލާފައިވާ މި ޕްރޮޕަޓީއަކީ ލ. ފަރެސް އަދި ކުޑަފަރެސް ގުޅުވައިގެން ހިންގަމުން އަންނަ 100 ކޮޓަރީގެ ރިޒޯޓެކެވެ. މި ރަށްތަކުގެ ހެޑް ލީސް މުއްދަތު ހަމަވާނީ 18 ޑިސެމްބަރު 2064 ގައެވެ.
މި ރަށްތަކުގެ ވެރިފަރާތަކީ ހެވީލޯޑް ކުންފުނީގެ މަސްލަހަތު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އަދި އޭނާގެ ދަރިންނެވެ.
މި ނީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ސިޓީއުރައިގައި ބަންދުކޮށްފައިވާ ޕްރޮޕޯސަލް 2 ޑިސެމްބަރު 2026 ގެ މެންދުރު 12:00 ގެ ކުރިން ބީއެމްއެލްގެ ކްރެޑިޓް ޑިޕާޓްމަންޓަށް ހުށަހަޅަންޖެހެއެވެ. ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވަނީ މާލޭގެ އޯކިޑްމާގެ އިމާރާތުގައެވެ.
ޕްރޮޕޯސަލްތައް ކެނޑުން އޮންނާނީ ބިޑު ހުށަހަޅާ ދުވަހުގެ މެންދުރު 12:00 ގައި، ބައިވެރިންގެ ހާޒިރުގައެވެ. އަދި ބޭނުންވާ ފަރާތްތަކަށް ވަރޗުއަލްކޮށް ވެސް ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ބީއެމްއެލުން މައުލޫމާތުދެއެވެ.
މީގެ އިތުރުން، އެންމެ މަތީ އަގު ހުށަހަޅައިގެން ބިޑު ކާމިޔާބުކުރާ ފަރާތުން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އަނބުރާ ނުލިބޭ ގޮތަށް 100,000 އެމެރިކާ ޑޮލަރުގެ ޑިޕޮސިޓެއް ބޭންކަށް ދައްކަންޖެހެއެވެ. އަދި ބިޑު ކާމިޔާބުވާތާ 3 މަސްދުވަހުގެ ތެރޭގައި ގަނެވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރަން ޖެހޭނެ ކަމަށާއި، އެ މުއްދަތުގައި އެއްބަސްވުމުގައި ސޮއިނުކޮށްފިނަމަ އެ ޑިޕޮސިޓް ފައިސާ ބޭންކަށް ކެނޑޭނެ ކަމަށް ވެސް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
