އިސްތިއުމާރީ އަޅުވެތިކަން ދުށް ގައުމުތަކުގެ ތެރެއިން ހަގީގީ ތަރައްގީ ކަށަވަރު ކުރެވުނީ ބޭރުގެ ސީދާ އިންވެސްޓްމަންޓް (ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް / އެފްޑީއައި)އަށް މަރުހަބާކިއި ގައުމުތަކަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ގައުމަކަށް އަންނަ ބޭރުގެ އިންވެސްޓްމަންޓަކީ ހަމައެކަނި ރޯ މެޓީރިއަލް ނުވަތަ ގުދުރަތީ ވަސީލަތްތައް ނަގައި ބޭރުކުރުން އެކަނި ކަމަށް ވެގެން ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި އެ ތަކެތި ޕްރޮސެސްކޮށް، އެތެރޭގެ އުފެއްދުންތެރިކަމަށް މަގުފަހިވާނެ އިންތިޒާމެއް ހަމަޖެހެން ލާޒިމުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން ސިންގަޕޫރާއި ދެކުނު ކޮރެއާގެ އިގްތިސާދީ ތާރީހަށް އަލިއަޅުއްވާލައްވަމުން ނަޝީދު ވިދާޅުވީ، އެ ގައުމުތަކުން ބޭރުގެ އިންވެސްޓްމަންޓްތަކަށް ފުރުސަތު ދިނުމަކުން އެ ގައުމުތަކުގެ މިނިވަންކަމަށް ނުވަތަ އިސްތިގްލާލަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާ ކަމަށެވެ.

"އޭގެ ބަދަލުގައި އެ ގައުމުތަކުގެ އިގްތިސާދީ ވަރުގަދަވެ، އެ ބާރުގައި އިސްތިގްލާލު ހިމާޔަތް ކުރުމުގެ ފަންވަރު ލިބި، ބައިނަލްއަގްވާމީ ދަނޑުގައި ޖާގަ ކަށަވަރުވިއެވެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ އިދިކޮޅު ފަރާތްތަކުން ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބޮޑު ކެމްޕޭނެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުގެ ސްޓޭންޑާ މުޅިން ހިލާފަށް ނަޝީދު ވަނީ ރަސްމާލެ މަޝްރޫއަށް ތާއިދު ކުރައްވާކަން ހާމަ ކުރައްވާފައެވެ. މި މަހުގެ އެއްވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގައި ނަޝީދު ވިދާޅުވީ، ރާއްޖޭގެ އެންމެންނަކީ ވެސް ކޮންމެވެސް އެހެން ތަނަކުން އައިސް މި ރާއްޖޭގައި ވަޒަންވެރިވި މީހުން ކަމަށެވެ. އަދި އެފަދަ ނިންމުންތަކުން ނުކުންނާނީ ރަނގަޅު ނަތީޖާ ކަމަށެވެ.

އަދި އެމަނިކުފާނުގެ ފުރިހަމަ ތާއީދު އެ މަޝްރޫއަށް އޮތްކަން ވަނީ ހާމަ ކުރައްވާފައެވެ.

ރަސްމާލޭގައި ޔޫއޭއީގެ މަޝްހޫރު ކުންފުނި، އީގަލް ހިލްސްއިން ތަރައްގީ ކުރަން ތައްޔާރުވަމުން އަންނަ މަޝްރޫއުއާ ދެކޮޅަށް "ގައުމީ ހަރަކާތުން" ވަނީ އިއްޔެ ރޭ ބޮޑު އެއްވުމެއް ވެސް ބާއްވާފައެވެ. މި އެއްވުމުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުރުން ރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެއްވުމުގައި ވާހަކަ ދައްކަވަމުން، ޔާމީން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީ ނޫނީ ޕީއެންއެފުން ކާމިޔާބު ކުރި ނަމަވެސް، އީގަލް ހިލްސްއާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލު ކުރާނެ ކަމަށެވެ. އަަދި އެކަމުގެ ބަދަލު އެ ކުންފުންޏަށް ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މި ދަނޑިވަޅަކީ ޕީއެންސީގެ މެމްބަރުންނާއި މަޖިލީހުގެ މެމްބަރުން އަދި ފުލުހުންނާއި ސިފައިން ވެސް ބަސް ބުނަން ޖެހިފައިވާ ވަގުތެއް ކަން ފާހަގަކުރައްވާ ޔާމީން ވަނީ މިކަމުގައި ބައިވެރިނުވާ ކޮންމެ މީހަކީ ކުށުގެ ބައިވެރިން ކަމަށާއި އެމީހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގޭނެ ކަމަށް ވިދާޅުވެފައެވެ.