މި ސަރުކާރުން އަނބުރާ ދައްކާފައިވާ ދަރަންޏަށްވުރެ އަލަށް ނަގަމުންދާ ދަރަނި އިތުރުވަމުންދާތީ، މި ރިޔާސީ ދައުރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި 174 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

އެ ޕާޓީން މިކަން ހާމަކުރީ އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެމްޑީޕީގެ އިގްތިސާދީ ކޮމިޓީގެ މުގައްރިރު އަދި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ދައުލަތުގެ ހަރަދުތަކާއި، ޑެފިސިޓް އަދި ދަރަނި ބޮޑުތަނުން އިތުރުވެގެންދާނެ ބަޖެޓެއް ކަމަށެވެ. އަދި ބޭރުން ފައިނޭންސިން ހޯދުމުގެ އަމާޒުތައް ސަރުކާރަށް ފެއިލްވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

2024 އިން 2028 ގެ ނިޔަލަށް މި ސަރުކާރުން ޖުމްލަ 76 ބިލިއަން ރުފިޔާގެ އާ ދަރަނި ނަގާނެ ކަމަށާއި، މި ދައުރުގެ ތެރޭގައި އެކަނިވެސް މަދުވެގެން 50 ބިލިއަން ރުފިޔާގެ ދަރަނި އިތުރުވާނެ ކަމަށް އެމްޑީޕީން ބުނެއެވެ. ބޭރުން ފައިސާ ނުލިބުމުގެ ސަބަބުން، އެތެރޭގެ މާލީ ބާޒާރުން ނެގި ދަރަނި ތިން ގުނަ އިތުރުވެފައިވާ ކަމަށް ތުހުމަތުކުރަމުން އެމްޑީޕީން ބުނީ ޕެންޝަން ފަންޑު މެދުވެރިކޮށް އެމްއެމްއޭއިން ސަރުކާރުގެ ބޮންޑަށް އިންވެސްޓްކުރި އަދަދު 2.4 ބިލިއަން ރުފިޔާއިން އިތުރުވެ 16 ބިލިއަނަށް އަރާފައިވާ ކަމަށެވެ.

މިއީ އަމަލީ ގޮތުން ފައިސާ ޗާޕުކުރުން ފަދަ ނުރައްކާތެރި ކަމެއް ކަމަށް އެ ޕާޓީން ސިފަކުރިއެވެ. ސަރުކާރުން ހާމަކުރާ ހިސާބުތަކުގައި ފުށުއެރުންތަކެއް ހުރިކަން ފާހަގަކޮށް، 2029 ވަނަ އަހަރު ދަރަނި ހުންނާނީ 107 ޕަސެންޓުގައި ނޫން ކަމަށާއި، ހިސާބުތައް ރަނގަޅުކުރިއިރު އެ ނިސްބަތް އުޅެނީ 114 ޕަސެންޓުގައި ކަމަށް އެމްޑީޕީން ވަނީ ހާމަކޮށްފައެވެ.