ކ. އަތޮޅު ރިސޯޓެއްގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ލޯންޗުގެ ކެޕްޓަނަށް ފިހިގެން ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 03:00 އެހައިކަންހާއިރު ކަމަށްވާއިރު، މިކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ފަތިހު 05:30 އެހައިކަންހާއިރުއެވެ. ހާދިސާ ހިނގިއިރު ލޯންޗުގައި ހުރީ ކެޕްޓަން އެކަންޏެވެ.

ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވެފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. އަލިފާން ރޯވުމުގެ ސަބަބުން އޭނާގެ ކަރާއި މޭމަތި ފިހިފައިވާއިރު ފުލުހުން ބުނީ އޭނާއަށް މިހާރު އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށެވެ.

މި ހާދިސާގައި އަލިފާނުގެ ސަބަބުން ލޯންޗަށްވެސް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.