ޗާގޯސް މައްސަލައިގައި ދިވެހިރާއްޖެއިން އަމަލުކުރި ގޮތް ތަހުގީގުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ކޮމިޝަނުގެ ރައީސްކަމަށް ޑރ. އަބްދުލްމުހްސިން މުހައްމަދު އައްޔަން ކުރައްވައިފިއެވެ.
މި ކޮމިޝަނަކީ ދިވެހިރާއްޖެ އާއި ޗާގޯހާ ދެމެދު ކަނޑުގައިވާ ކަނޑުގެ ސަރަހައްދު އަދި ކޮންޓިނެންޓަލް ޝެލްފްގެ އިންތައް ކަނޑައެޅުމަށް މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި، ރާއްޖެއަށް ލިބުނު ގެއްލުންތައް ބަލައި ތަހުގީގުކުރުމަށް އުފައްދާފައިވާ ކޮމިޝަނެކެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މި ކޮމިޝަނުގައި ކުރިން ތިއްބެވި ބޭފުޅުންނަށް ބަދަލުގެންނަވައި ކޮމިޝަނަށް ދެ ބޭފުޅަކު އައްޔަން ކުރައްވާފައެވެ. އަދި މީގެ ކުރިން ކޮމިޝަނުގެ ރައީސްގެ މަގާމަށް އައްޔަންކުރެއްވި އަލްއުސްތާޒު އަހުމަދު ޝާކިރު (ނ.ދ.ޝ.އ)ގެ ބަދަލުގައި ޑރ. އަބްދުލްމުހްސިން މުހައްމަދު ވަނީ އެ މަގާމަށް އައްޔަން ކުރައްވާފައެވެ.
މިހާރު ކޮމިޝަނުގައި ހިމެނޭ މެންބަރުންނަކީ
- ޑރ. އަބްދުލްމުހްސިން މުހައްމަދު
- ކެޕްޓަން އަހްމަދު ޒުބައިރު
- ޑރ. އާމިނަތު ޝާފިޔާ އާދަމް
- ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރޓޑ) މުހައްމަދު ސާދިގް
- އަހްމަދު އަލީމަނިކު
- ފާތިމަތު މިންހަތު އިއްޒަތު
- އާއިޝަތު ފަޒްނާ އަހްމަދު
ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 2026/17 ގެ ދަށުން މި ކޮމިޝަނާ މަތިކޮށްފައިވާ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، އިޓްލޮސްގެ ކޭސް ނަންބަރު 28 ހުށަހެޅުމާ ހަމަޔަށް އަދި މި މައްސަލައިގެ މައުޟޫއު އެގޮތުގައި ކުރިޔަށްދިޔަ ގޮތުގައްޔާއި، ރާއްޖެއިން ޖަވާބުދާރީވުމުގައި އަދި މައްސަލައާ ގުޅުންހުރި ވަށައިގެންހުރި އެންމެހައި ކަންކަމުގައި ދައުލަތުގެ މުވައްޒަފުންނާއި، ލަފާދިން ފަރާތްތަކާއި، ސީދާ އަދި ނުސީދާގޮތުން ޝާމިލުވި މަސްއޫލުވެރިންނާއި ބާރުތައް ލިބިގެންވީ ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތް ބަލައި ތަހުގީގުކުރުން ހިމެނެއެވެ.
