ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 44 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހާއްސަ ހަރަކާތް 'ކާނިވާ 44' މާދަމާ ހުޅުމާލެ ސެންޓްރަލް ޕާކުގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
މާދަމާ، ނޮވެންބަރު 11 އިން ފެށިގެން ނޮވެންބަރު 14 ގެ ނިޔަލަށް ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކާނިވަލަކީ އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތާއި، މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކުގެ އިތުރުން ވިޔަފާރިކުރުމާއި އާއިލީ ގުޅުން ބަދަހިކުރުމުގެ ފުރުސަތު އެންމެހައި ފަރާތްތަކަށް ފަހިކޮށްދިނުމުގެ މަގުސަދުގައި ބާއްވާ ހަރަކާތެއްކަމަށް ބީއެމްއެލް އިން ބުނެއެވެ. އެގޮތުން ކާނިވާ ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 12:00 އަށެވެ.
މި އަހަރުގެ ކާނިވަލުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ 'ސްވައިޕް ވޮލެޓް' ބޭނުންކޮށްގެން ފައިސާ ދައްކާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަނެވެ. މި ޕްރޮމޯޝަންގެ ދަށުން ބީއެމްއެލްގެ ސްވައިޕް މެދުވެރިކޮށް ފައިސާ ދައްކައިގެން އަގުހުރި ބޮޑެތި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. އެގޮތުން ނަސީބުވެރިންނަށް ހުށަހެޅިފައިވާ އިނާމުތަކުގެ ތެރޭގައި 5 މެކްބުކް ނިއޯ އަދި 2 ބެޓެރި ސައިކަލު ހިމެނެއެވެ.
ކާނިވާގައި ބައިވެރިވާ ސްޓޯލްތަކުން ސްވައިޕް ބޭނުންކޮށްގެން ކުރާ ކޮންމެ މުއާމަލާތަކަށް ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ ނޮވެންބަރު 11 ވަނަ ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ނޮވެންބަރު 14 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށެވެ.
މީގެއިތުރުން، އެކި ބާވަތްތަކުގެ ތަކެއްޗާއި މީރު ކާބޯތަކެތި ވިއްކާ ގިނަ އަދަދެއްގެ ވިޔަފާރި ސްޓޯލްތަކާއި، ހުރިހާ އުމުރުފުރައެއްގެ މީހުންނާ ވެސް ގުޅޭނޭހެން މުނިފޫހިފިލުވުމުގެ ތަފާތު ކުޅިވަރުތައް މި ކާނިވަލުގައި ހިމެނޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.
